ކުޅިވަރު
ނިއު ރޭޑިއަންޓަށް ބަދަލުވާން އުޅުނު ރިޒޭގެ ސޮއި ވިކްޓަރީއިން ހޯދައިފި
ރިޒްވާންއަކީ އީގަލްގެ ފުރަތަމަ 11ގައި މުހިންމު ކުޅުންތެރިއެއް / ފޮޓޯ: ޕީއެސްއެމް
ކުލަބު އީގަލްސްގެ ޒުވާން ފޯވަޑް އަޙުމަދު ރިޒްވާން (ރިޒޭ) ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، ވިކްޓަރީ ސްޕޯޓްސް ކަލްބުން އޭނާގެ ސޮއި ހޯދައިފިއެވެ.
އެގޮތުން މީޑިއާގައި އެންމެ ފުރަތަމަ އަޑު ފެތުރުނީ، ލީގުގެ ދެވަނަ ބުރަށް ނިއުއިން ޓީމު ވަރަގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ޓީމަށް ގެންދިއުމަށް ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ރިޒްވާން ހިމެނޭ ކަމަށާއި، އެކަމަށް އޭނާ އެއްބަސްވެފައިވާ ކަމުގެ ވާހަކައެވެ. ނަމަވެސް އޭގެ ދެތިން ދުވަސްފަހުން، އޭނާ ވިކްޓަރީއާ ގުޅުމަށް އެއްބަސްވިއެވެ. މި ނިންމުން ބަދަލުކުރީ ކޮން ސަބަބަކާ ހުރެކަމެއް އެނގިފައެއް ނުވެއެވެ.
އަދި ވިކްޓަރީއާ އޭނާ ގުޅުނުކަން އެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.
ވިކްޓަރީއަށް ރިޒްވާން ބަދަލުވިއިރު، ލީގުގައި ކްލަބް އީގަލްސްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އެންމެ ފަހުން ކުޅެފައި ވަނީ ވެސް ވިކްޓަރީއާ ދެކޮޅަށެވެ. އެ މެޗުގައި ވިކްޓަރީއިން ވަނީ 2-0އިން އީގަލްސް ބަލިކޮށްފައެވެ. އެއީ އޮކްޓޫބަރު 1ގެ ފަހުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމާއި މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައިވާ ރިޒޭ ވަނީ އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައެވެ.
ރިޒްވާން އީގަލްސްއިން ބަދަލުވިއިރު، ލީގުގެ ފުރަތަމަ ބުރުގައި އެ ޓީމުގެ ގޯލު ބަލަހައްޓަމުން ދިޔަ މުޙައްމަދު ފައިސަލް ވެސް ވަނީ އެހެން ޓީމަކަށް ބަދަލުވެފައެވެ. އޭނާ ދިޔައީ ނިއުއަށެވެ. އެހެންކަމުން އީގަލްސްގެ ފުރަތަމަ އެގާރައިގައި ކުޅެމުންދިޔަ މުހިންމު ދެ ކުޅުންތެރިންތަކެއް މިވަނީ އެ ޓީމުން ބަދަލުވެފައެވެ.
ލީގުގައި މިހާތަނަށް ކޮނެމް ޓީމެއް ވެސް 10 މެޗު ކުޅެފައިވާއިރު، އީގަލްސް އާއި ވިކްޓަރީއަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. ނަމަވެސް ގޯލު ފައިދާއާއެކު ކުރީގައި އޮތީ އީގަލްސްއެވެ.