ދުނިޔެ

މުޅި މަޣްރިބްގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި: ފެންބޮޑުވުމުގެ ސަބަބުން 37 މީހުން މަރުވެއްޖެ

މުޅި މަޣްރިބްގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި: ފެންބޮޑުވުމުގެ ސަބަބުން 37 މީހުން މަރުވެއްޖެ

މަޣްރިބްގެ ފެންބޮޑުވެފައިވާ މަގުތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 03:24

17 ޑިސެމްބަރު 2025، 03:24

މަޣްރިބް (މޮރޮކޯ) ގައި ފެންބޮޑުވުމާއި، ބޯކޮށް ވެހޭ ވާރޭ އަދި ގަދަފިންޏާ ގުޅިގެން މުޅި ޤައުމުގައި ކުއްލި ޙާލަތުގެ އެހީގެ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަން ފަށާފައިވަނީ ގިނަ ޢަދަދެއްގެ އާއިލާތަކަށް ގެއްލުންތަކާ ކުރިމަތިވެ، ޤައުމުގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކާއި، ވަރަށް ބޮޑަށް ފިނިވުމުގެ ސަބަބުންނެވެ.

މި އެހީގެ ޕްރޮގްރާމް އިއުލާނުކުރީ އަންގާރަ ދުވަހުއެވެ. މަޣްރިބްގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ގާތްގަނޑަކަށް 28 ޕްރޮވިންސްގެ 73،000 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މި ސަރަޙައްދުތަކަށް ވަނީ ގަދަފިންޏާއި، ބޯކޮށް ވެހޭ ވާރޭ އަދި ބޮޑެތި ސްނޯ ތޫފާންތަކުގެ އަސަރު ކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ އަސަރުކުރި ސަރަޙައްދުތަކުގެ އާއިލާތަކަށް ކާނާގެ ބާވަތްތަކާއި، ބްލެންކެޓް ފޯރުކޮށްދެމުންނެވެ. މޫސުމާބެހޭ އޮފިޝަލުން އަންނަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނުރައްކާތެރި މޫސުމީ ޙާލަތު ދެމި އޮންނާނެކަމުގެ އިންޒާރު ދެމުންނެވެ.

މި ކުއްލި އެހީގެ މަސައްކަތް ފަށާފައި މިވަނީ، އާދީއްތަ ދުވަހު ސާފީ ކޯސްޓަލް ސިޓީގައި ކާރިސާއެއްގެ ގޮތުގައި ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައި، 37 މީހުން މަރުވުމާ ގުޅިގެންނެވެ.

އެއް ގަޑިއިރުގެ ތެރޭގައި ވެހުނު ބޯ ވާރޭގެ ސަބަބުން ސިޓީގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ގާތްގަނޑަކަށް 70 ގެއާއި ފިހާރައަށް ގެއްލުން ލިބުނެވެ. ފެންގަނޑުތަކުގެ ސަބަބުން މަގުތަކުގައި ހުރި އުޅަނދުތައް ދަމައިގަނެ، އިމާރާތްތަކުގެ ތެރޭގައި މީހުން ބަންދުވިއެވެ. އޮފިޝަލުން ބުނިގޮތުގައި، 14 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނުއިރު، ދެ މީހަކު އަދިވެސް އިންޓެންސިވް ކެއަރގައި އެބަތިއްބެވެ. މަގުތަކުގައި ހުރި ކުނިބުނިތަކާއި، މަޑު ފެންގަނޑުގެ ސަބަބުން ސާފީގެ ސްކޫލްތައް ވަނީ މަދުވެގެން ތިން ދުވަހަށް ބަންދުކޮށްފައެވެ.

މި ކާރިސާ ހިނގާފައިވަނީ ބާބް ޗާބާ ޑިސްޓްރިކްޓްގައެވެ. އެ ސަރަޙައްދުގެ ބައެއް ތަންތަނުގައި ފެންގަނޑުގެ އުސްމިން 4 މީޓަރަށް (13 ފޫޓަށް) އަރާފައިވެއެވެ. އެ ސަރަޙައްދުގެ ރައްޔިތެއް ކަމަށްވާ 67 އަހަރުގެ ހައްޤުތައް ދިފާޢުކުރާ އެކްޓިވިސްޓަކު ބުނި ގޮތުގައި، ފެންގަނޑު އަވަހަށް މައްޗަށް އެރުމުގެ ސަބަބުން ފިހާރަތަކުގެ ތެރޭގައި ތިބި ފިހާރަވެރިންނަށް ނުނިކުމެވި ބަންދުވިއެވެ.

ހަ ކުދިންގެ މަންމައަކު ނޫސްވެރިންނަށް ބުނެފައިވަނީ އޭނާގެ އާއިލާއަށް "ހުރިހާ އެއްޗެއް ގެއްލިފައި"ވާ ކަމަށެވެ. އަދި އެހެން ރައްޔިތަކު ބުނީ އޭނާ ގެއިން ނުކުތީ ހަމައެކަނި ލައިގެން ހުރި ހެދުމާއެކު ކަމަށެވެ.

ސަރުކާރުގެ މޫސުމާބެހޭ މާހިރަކު ވާރޭ ވެހުނު މިންވަރު އެ ސަރަޙައްދަށް އާދައިގެ މިންވަރެއް ކަމަށް ބުނި ނަމަވެސް، ފެން ހިންދާ ނިޒާމު ރަނގަޅު ނުވުމުގެ ސަބަބުން ފެންބޮޑުވުން އިތުރަށް ގޯސްވީތޯ އޮފިޝަލުން ދަނީ ބަލަމުންނެވެ.

މޫސުމާބެހޭ އިދާރާތަކުން ވަނީ އަންގާރަ ދުވަހު 'ހައި އެޓްލަސް' ފަރުބަދަ ސަރަޙައްދަށް 80 ސެންޓިމީޓަރު (31 އިންޗި) އަށް ސްނޯ ވެހުމުގެ 'ރެޑް އެލާޓް' ނެރެފައެވެ. އަދި މެދުތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ 'އޮރެންޖް އެލާޓް' ވަނީ ނެރެފައެވެ. ރަބާތު ވެރިރަށުގެ އިރުދެކުނުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ސްނޯގެ ބޯމިން 50 ސެންޓިމީޓަރު (20 އިންޗި) އަށް އަރާފައިވާއިރު، ރޭގަނޑުގެ ފިނިހޫނުމިން ވަނީ ފްރީޒިންގ ޕޮއިންޓަށްވުރެ ދަށްވެފައެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ ޖެހިޖެހިގެން ހަތް އަހަރު ދުވަހު ހަނަފަސްކަން ކުރިމަތިވެ، ޤައުމުގެ މައި ރިޒަރވޯއަރތަކުގެ ފެން ވަރަށް ބޮޑަށް ހުސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރަކީ މަޣްރިބްގެ ތާރީޚުގައިވެސް އެންމެ ހޫނު އަހަރެވެ. މޫސުމާބެހޭ ސައިންސްވެރިން ބުނާ ގޮތުގައި، ހޫނުމިން މަތިވުމުގެ ސަބަބުން އުތުރު އެފްރިކާގެ ސަރަޙައްދުގައި ތޫފާންތައް އިތުރަށް ގަދަވެ، ލަފާކުރަން ދަތިވަމުން ދެއެވެ.

ސާފީގެ ކާރިސާ ހިނގާފައި މިވަނީ، ފެސްގެ ތާރީޚީ ސިޓީގައި ދެ އިމާރާތެއް ވެއްޓި 22 މީހުން މަރުވިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. މިކަމުގެ ސަބަބުން މަޣްރިބްގެ ދުވަސްވީ ސަރަޙައްދުތަކުގެ އިމާރާތް ކުރުމުގެ މިންގަނޑުތަކާއި، އާބަން އުމްރާނީ ތަރައްޤީގެ ނިޒާމާ ބެހޭ ގޮތުން އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން