ކުޅިވަރު

ދިވެހި ލީގު: އިތުރު ވަގުތު މާއިޝް ކާމިޔާބުކުރި ގޯލާއެކު، ޓީސީއިން މާޒިޔާ ހިފަހައްޓައިފި

ދިވެހި ލީގު: އިތުރު ވަގުތު މާއިޝް ކާމިޔާބުކުރި ގޯލާއެކު، ޓީސީއިން މާޒިޔާ ހިފަހައްޓައިފި

މާޒިޔާގެ އިލާން ޓީސީގެ ކުޅުންތެރިއެއްގެ ކައިރިން ބޯޅަ ހިފައިގެން ދަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޑިސެމްބަރު 2025، 08:50

18 ޑިސެމްބަރު 2025، 08:50

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އިތުރު ވަގުތު އަޙުމަދު މާއިޝް ރަޝީދު ކާމިޔާބުކުރި ގޯލާއެކު، ޓީސީ ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިފަހައްޓައިފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު 1-1އިން އެއްވަރުވެގެން ނިމުމާއެކު، ޓީސީއިން މިވަނީ ހުރިހާ މެޗަކުން މޮޅުވެގެން މާޒިޔާ ދަމަހައްޓަމުން އައި ރެކޯޑު ވެސް ނިމުމަކަށް ގެނަސްފައެވެ. އެގޮތުން ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން މާޒިޔާއަށް ގެއްލިފައި މިވަނީ 2 ޕޮއިންޓެވެ.

އެ ޓީމަށް 11 މެޗުން ޖުމްލަ 31 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ. އޮޑި ސްޕޯޓްސްއިން ހުކުރު ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިކުންނައިރު، އެ މެޗު ކާމިޔާބުކޮށްފިނަމަ، މާޒިޔާއާ ދެމެދު އޮތް ފަރަގު 3 ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

އިތުރު ވަގުތު ގޯލު ކާމިޔާބު ކުރުމަށްފަހު މާއިޝް އުފާފާޅުކުރަނީ / ފޮޓޯ: ސިޑިބަރި

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ މުޙައްމަދު އިލާން އިމްރާން އާއި ޙަސަން ނަޒީމް އާއި ހަމްޒާ މުޙައްމަދަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. ނަމަވެސް އެ ހާފުގައި އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވުނުއިރު، ހާފު ނިންމާލަން ޖެހުނީ ބޮޑު ނުތަނަވަސްކަމެއްގައެވެ. އެއީ އެ ޓީމުގެ އިބްރާޙިމް އައިސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކުމުންނެވެ.

ދެވަނަ ހާފު ފަށައިގެން ޓީސީއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، މެޗުގައި ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ. އެއީ މެޗުގެ 57ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދުގެ އެސިސްޓަކުން ނާއިޒް ޙަސަން ކާމިޔާބުކުރި ގޯލެކެވެ. 

މާޒިޔާގެ ގޯލަކީ ހަމްޒާ މުޙައްމަދުގެ އެސިސްޓަކުން ނާއިޒް ޙަސަން ކާމިޔާބުކުރި ގޯލެއް / ފޮޓޯ: ޕީއެސްއެމް

މި މެޗުގެ ނަތީޖާ ޓީސީއިން ހަމަހަމަކުރީ، އިތުރު ވަގުތުގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް އިބްރާހިމް ޖިމޯ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފަ ނިކުތް ވަގުތު، މާއިޝް އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މި ނަތީޖާއާއެކު ޓީސީއަށް ވަނީ 6 ޕޮއިންޓު ލިބިފައެވެ. އަދި އެ ޓީމު އޮތީ ލީގުގެ 9ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން