ކުޅިވަރު

ސީޒަންގެ ދެވަނަ ރަސްވާދަ މެޗުގައި ވިކްޓަރީއިން ބަދަލު ހިފައިފި

ސީޒަންގެ ދެވަނަ ރަސްވާދަ މެޗުގައި ވިކްޓަރީއިން ބަދަލު ހިފައިފި

ވިކްޓަރީގެ ތިންވަނަ ގޯލަށްފަހު އެ ޓީމުން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޑިސެމްބަރު 2025، 08:21

20 ޑިސެމްބަރު 2025، 08:21

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހަތުން އަރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-1އިން ބަލިކޮށްފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ، މި ސީޒަންގައި ކުޅުނު ދެވަނަ "ރަސްވާދަ" މެޗެވެ. ފުރަތަމަ މެޗުގައި މި ދެ ޓީމު މިދިޔަ އޮކްޓޫބަރުގައި ބައްދަލުކޮށްފައިވާއިރު، އެ މެޗު 4-0އިން ކާމިޔާބުކުރީ ނިއު ރޭޑިއަންޓެވެ.

ސީޒަންގައި މި ދެ ޓީމު ވެސް ކުޅުނު އެގާރާ ވަނަ މެޗުގައި ނިއު ރޭޑިއަންޓުން ލީޑު ނެގީ 3ވަނަ މިނެޓުގައެވެ. އެއީ އެ ޓީމުގެ ކެޕްޓަން ޢަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން، ގުއިލާމޭ ޑި ސިލްވާ ކާމިޔާބު ކުރި ގޯލެކެވެ. އޭގެ 8 މިނެޓު ފަހުން ލީޑު ފުޅާކުރުމަށް ޑި ސިލްވާއަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފައެވެ.

ވިކްޓަރީއިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ އެ ޓީމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވި، ކްލަބް އީގަލްސްގެ ކެޕްޓަން އަޙުމަދު ރިޒްވާން (ރިޒޭ) ތަނަވަސްކޮށްދިން ފުރުސަތަކުން، ލީގުގެ ފުރަތަމަ ބުރު ނިމުނު ފަހުން ވިކްޓަރީއާ ގުޅުނު ސްލޮވެކިއާގެ ފޯވާޑް، މިލޯސް ލަޗްނީ ކާމިޔާބުކުރި ގޯލެކެވެ. މިހާރު އުމުރުން 37 އަހަރުގެ ލަޗްނީއަކީ، ސްލޮވެކިއާގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. 

ވިކްޓަރީއިން ލީޑު ނެގީ ދެވަނަ ހާފުގެ 12ވަނަ މިނެޓުގައި، އަލީ ޝާމިސް (ތޮއްޕޭ) ނަގައިދިން ހުރަހަކުން، އަނެއްކާ ވެސް ލަޗްނީގެ ގޯލަކުންނެވެ. މިއީ ވިކްޓަރީއާ ގުޅުނު ފަހުން ކުޅުނު ދެވަނަ މެޗުގައި ލަޗްނީ އެ ޓީމަށް ކާމިޔާބުކޮށްދިން 3ވަނަ ގޯލެވެ. 

ނިއު ރޭޑިއަންޓުން އަނބުރާ މެޗުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމުގެ ފަހަތަށް ކުޅުނު އަހުނަފް ރަޝީދު (އަހުއްކޮ)ގެ ބަދަލުގައި، އެޓޭކިން ކުޅުންތެރިޔާ މުޙައްމަދު ފާސިރު (ފާއްޓޭ) ކުޅެން ނެރުނެވެ. ނިއު ރޭޑިއަންޓާ ގުޅުނު ފަހުން، މިދިޔަ ހަފްތާ އޭނާ ކުޅުނު ފުރަތަމަ މެޗުގައި ދަނޑަށް އެރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގޯލެއް ކާމިޔާބުކުރި ނަމަވެސް، މި މެޗުގައި އޭނާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. 

ނަތީޖާއަކަށްވީ، ވިކްޓަރީއިން މެޗުގެ 86ވަނަ މިނެޓުގައި ލީޑު ފުޅާކުރުމެވެ. މިއީ އެ ޓީމުން ނެގި ކޯނަރެއް ލަޗްނީ ބޮލުން ގޯލަށް ފޮނުވާލުމުން، ނިއު ރޭޑިއަންޓުގެ މުޙައްމަދު ފައިސަލް ދިފާއު ކުރިނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުގައި ހުރި ވިކްޓަރީގެ ޑިފެންޑަރު، ޖަވޯހިރު އަޒަމޯވް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައެކެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފާއްޓޭއަށް ލިބުނު ފުރުސަތެއްގައި ވިކްޓަރީގެ ލީޑު ކުޑަ ކުރުމަށް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ. 

މި ނަތީޖާއާއެކު ވިކްޓަރީއިން މިވަނީ 16 ޕޮއިންޓު ހޯދައި، ލީގުގެ 5ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އަދި މިއީ ޖެހިޖެހިގެން އެ ޓީމުން ކާމިޔާބުކުރި ދެވަނަ މެޗު ވެސް މެއެވެ. 

އަނެއްކޮޅުން، އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 1 މެޗުން މޮޅު ވެވުނު ނިއު ރޭޑިއަންޓް އޮތީ 20 ޕޮއިންޓާއެކު ލީގުގެ 3ވަނައިގައެވެ. ނަމަވެސް މިއަދު ހަވީރު ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ކްލަބް އީގަލްސް ބަލިކޮށްފިނަމަ، ނިއު ރޭޑިއަންޓް ތާވަލުގެ 4ވަނައަށް ވެއްޓޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން