ކުޅިވަރު

ނިއު ރޭޑިއަންޓް ފަހަތަށް ޖައްސާލައި، ބުރު ސްޕޯޓްސްއިން ލީގުގެ ތިންވަނައަށް އަރައިފި

ނިއު ރޭޑިއަންޓް ފަހަތަށް ޖައްސާލައި، ބުރު ސްޕޯޓްސްއިން ލީގުގެ ތިންވަނައަށް އަރައިފި

ބުރު ސްޕޯޓްސްގެ ނާއިމް، އީގަލްސްގެ އިބްރާޙިމް މަހުދީ ކައިރިން ބޯޅަ ހިފައިގެން ދަނީ، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޑިސެމްބަރު 2025، 10:23

20 ޑިސެމްބަރު 2025، 10:23

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފަހަތަށް ޖައްސާލައި، ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ތިންވަނައަށް އަރައިފިއެވެ.

ބުރު ސްޕޯޓްސް ކުރިޔަށް ޖެހެލީ، މިއަދު ހަވީރު ކްލަބް އީގަލްސްއާ ބައްދަލުކުރި މެޗު 3-2އިން ކާމިޔާބުކޮށްގެންނެވެ. ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ، އީގަލްސްއިން ގޯލެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފުށުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފެނިފައެއް ނުވެއެވެ.

އީގަލްސްއިން މެޗުގައި ލީޑު ނެގީ، ދެވަނަ ހާފުގެ 5ވަނަ މިނެޓުގައި އިބްރާޙިމް މަޙުދީ ޙުސެއިންގެ ގޯލަކުންނެވެ. 

ބުރު ސްޕޯޓްސްގެ ގޯލުތައް ފެނުނީ މެޗުގެ 82ވަނަ މިނެޓުގެ ފަހުންނެވެ. އެގޮތުން އެ ޓީމުން 82ވަނަ މިނެޓުގައި މުޙައްމަދު ނާއިމްގެ ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނެޓަށްވެފައި ވަނިކޮށް އެ ޓީމަށް ލީޑު ނަގައިދިނީ އިބްރާޙިމް އުސާމާ ޙަސަންއެވެ. 

އެއަށްފަހު ނާއިމް ވަނީ، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި، އޭނާ މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލާއެކު އެ ޓީމަށް 3 ޕޮއިންޓު ޔަޤީންކޮށްދީފައެވެ. 

އަދި ޖެހިގެން އައި މިނެޓުގައި، ދެވަނަ ހާފުގައި ކުޅެން ނިކުތް ޝަމްވީލް ޤާސިމް (ބޮންޑާ) ކާމިޔާބު ކުރި ގޯލުން ހަމައެކަނި ލިބުނު ފައިދާއަކީ ފަރަގު ކުޑަކުރެވުމެވެ.

މި ނަތީޖާއާއެކު ބުރު ސްޕޯޓްސްއަށް 20 ޕޮއިންޓު ލިބިފައިވާއިރު، އެ ޓީމު ތިންވަނައަށް އެރީ ގޯލުގެ ތަފާތުންނެވެ. އެއީ ލީގުގައި ކުޅުނު 11 މެޗުން ނިއު ރޭޑިއަންޓަށް ވެސް ވަނީ 20 ޕޮއިންޓު ލިބިފައި ވާތީއެވެ. 

އަދި މިއަންނަ ހަފްތާ މި ދެ ޓީމު ލީގުގައި ބައްދަލުކުރުމަށް ތާވަލުކޮށްފައިވާއިރު، އެ މެޗު ވެގެން ދާނީ، ލީގުގެ ތިންވަނައިގައި ދެ ޓީމަށް ވެސް ލީޑު ނަގަން ލިބޭނެ ފުރުސަތަކަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން