ޚަބަރު
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު އިޞްލާޙުކުރުމަށް ސީއެސްސީއަށް ދަންނަވައިފިން: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ސިވިލް ސަރވިސް މުވައްޒަފުން ރަސްމީ ގަޑީގައި ހެދުން އެޅުމުގެ މިންގަނޑު އިޞްލާޙުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އަޚުލާޤީ މިންގަނޑު ދަށްކަމުގެ ވާހަކަ ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ގިނައިން އަޑުއިވެމުންދާ ކަމަށެވެ. ހަމަ އެހެންމެ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންގެ ހެދުން އެޅުމުގެ މިންގަނޑުތައް، އަޚްލާޤީ މިންގަނޑު ނޫނިއްޔާ 'ސޯޝަލީ އެކްސެޕްޓަޑް' މިންގަނޑަށް ވުރެ ވަރަށް ދަށްވެއްޖެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުން ރަސްމީ ގަޑީގައި ހެދުން އެޅުމުގެ މިންގަނޑު އިޞްލާޙުކުރުމަށް އެ ކޮމިޝަނަށް ދަންނަވައިފިން. ކުރިން އޮތް އުޞޫލު މިހާރަށް އޮތް އުޞޫލަށްވުރެ ރަނގަޅު.
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގައި ސިވިލް ސާވިސްގެ ޤަވާއިދުގައި ހެދުން އެޅުމާ ބެހޭ ވަރަށް ރަނގަޅު މިންގަނޑެއް ހިމެނިފައި އޮތް ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ އެކަން ބަދަލުވެފައިވާ ކަމަށާއި، މިހާރުގެ ޤަވާއިދުގައިވާ މިންގަނޑު ދަށްކަމުން، ކުރީގައި އޮތް ޤަވާއިދާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ޤަވާއިދު ބަދަލުކޮށްދިނުމަށް ސީއެސްސީގައި ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސީއެސްސީން މިކަމަށް އަވަސް ޙައްލެއް ގެނެސް، މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ރަނގަޅު ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.