ކުޅިވަރު
ވިމެންސް ލީގު: ވިކްޓަރީއިން ބިސްބުރު ބަލިކޮށް، ތިންވަނައިގައި ލީގު ނިންމާލައިފި
މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ރުސްޓުލޭވާ ރަމެޝޮވްނާ---
އެފްއޭއެމް ވިމެންސް ފުޓުބޯޅަ ލީގު 2025ގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ބިސްބުރު ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގުގެ 3ވަނައިގައި މުބާރާތް ނިންމާލައިފިއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މި މެޗުން ވިންޓަރީ މޮޅުވީ 5-0އިންނެވެ. މި މެޗުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް، ރުސްޓުލޭވާ ރަމެޝޮވްނާ 4 ގޯލު ކާމިޔާބުކުރިއިރު، ސަފިއްޔާ ރަފާ ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ލީގުގެ 3ވަނަ ވިކްޓަރީއިން ޔަޤީންކުރީ 8 ޕޮއިންޓާއެކުއެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް މި އަދަދަށް ޕޮއިންޓު ލިބުނެވެ. ނަމަވެސް ވިކްޓަރީއިން 3ވަނަ ޔަޤީންކުރީ ފައިދާ ގޯލުންނެވެ.
މި މެޗުގައި ކާމިޔާބުކުރި ގޯލުތަކާއެކު، ވިކްޓަރީގެ ފޯވާޑް، ރުސްޓުލޭވާއަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 9 ގޯލު ކާމިޔާބުކޮށްފައެވެ. އޭނާއާ ޖެހިގެން ދެވަނައިގައި އޮތް ސާލިޔާ 8 ގޯލު ކާމިޔާބުކޮށްފައިވާއިރު، އޭނާއަށް އަދި ބާކީ އެއް މެޗު އެބައޮތެވެ.
ގިނަ އަހަރުތަކަކަށްފަހު މާދަމާ ކުޅޭ ލީގު ފަހު މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ. މި މެޗަށް ނިކުންނައިރު ދެ ޓީމަށް ވެސް ލިބިފައި ވަނީ 10 ޕޮއިންޓެވެ. އެހެންކަމުން މި މެޗު ވެގެން ދާނީ ފިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގައި ކުޅެވޭ އަންހެން ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މެޗަށެވެ.