ކުޅިވަރު
ވިމެންސް ކާވާ ކަޕް: ރާއްޖެއިން ކިރްގިސްތާން ބަލިކޮށް އެންމެ މޮޅު ޓީމުގެ ގޮތުގައި ސެމީއަށް
ޕޮއިންޓެއް ހޯދުމަށްފަހު ރާއްޖޭގެ ކުޅުންތެރިއަކު އުފާފާޅުކުރަނީ / ފޮޓޯ: މިހާރު ސްޕޯޓްސް
ފަރުދުން
23 ޑިސެމްބަރު 2025، 07:15
23 ޑިސެމްބަރު 2025، 07:15
ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕްގެ ތިންވަނަ މެޗު ވެސް ކާމިޔާބުކޮށް، އެންމެ މޮޅު ޓީމުގެ ގޮތުގައި ރާއްޖެއިން ސެމީގެ ޖާގަ ހޯދައިފިއެވެ.
ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން ކުރި ހޯދީ ކިރްގިސްތާނާ ދެކޮޅަށެވެ. މިއީ ފާއިތުވި 6 އަހަރުގެ ތެރޭގައި ރާއްޖެއަށް އެ ޓީމު ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ކިރްގިސްތާނުން ސެޓެއް ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރާ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-15 ޕޮއިންޓުންނެވެ. އަދި ފަހު 3 ސެޓު ރާއްޖެއިން ކާމިޔާބުކުރީ 23-25، 19-25 އަދި 22-25 އިންނެވެ.
ހަތަރު ޤައުމަކުން ވާދަކުރާ މި މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ހޯދުމާ ގުޅިގެން ސެމީގައި ރާއްޖެއިން ވާދަކުރާނީ ލީގު ބުރުގެ ތިން މެޗުން ވެސް ބަލިވެ، ފުލަށް ދިޔަ ބަންގްލަދޭޝްއާއެވެ.
އަދި ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ދެ ވަނައަށްދިޔަ ކިރްގިސްތާނާއި ތިން ވަނަ ހޯދި އަފްގާނިސްތާންއެވެ.