Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 03:44

23 ޑިސެމްބަރު 2025، 03:44

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައި، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ވަނީ ޓެކްސީ ކުރުމަށް ގެންނަ ވެހިކަލްތައް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގައި މިހާރު ހުރި ދަތިތައް ފާހަގަކޮށް، އެކަންކަން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ. މީގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މިހާރުން މިހާރަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުންވެސް އެސޯސިއޭޝަނުން ވަނީ ރައީސަށް ލަފާދީފައެވެ.

ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ ހުރި ޚިޔާލުތަކާއި ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މުހިއްމުކަމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނާއި މި ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެ ކަންކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450