ކުޅިވަރު

އެފްއޭއެމް ވިމެންސް ލީގު 2025ގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި

އެފްއޭއެމް ވިމެންސް ލީގު 2025ގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި

އެފްއޭއެމް ވިމެންސް ލީގު 2025ގެ ޗެމްޕިއަންކަން މާޒިޔާއިން ކާމިޔާބުކުރުން / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ޑިސެމްބަރު 2025، 08:45

23 ޑިސެމްބަރު 2025، 08:45

އެފްއޭއެމް ވިމެންސް ލީގު 2025ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ. 

އެ ޓީމުން ލީގު ޔަޤީންކުރީ ފަހު މެޗުގައި، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 2-0އިން ކާމިޔާބުކޮށްގެންނެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗަށް ނިކުތްއިރު، ކުޅުނު 5 މެޗުން މި ދެ ޓީމަށް ވެސް ލިބިފައި އޮތީ 10 ޕޮއިންޓެވެ. އެހެންކަމުން މި މެޗަކީ ފާއިތުވީ 10 އަހަރުގެ ތާރީޙުގައި ރާއްޖޭގައި ކުޅުނު އެންމެ ފޯރިގަދަ އަންހެން ފުޓުބޯޅަ މެޗެވެ.

މެޗު ފަށައިގެން މާޒިޔާއިން ބޮޑަށް އެޓޭކުކޮށްގެން ކުޅުނުއިރު، އޮޑި ސްޕޯޓްސްއިން ކުޅުނީ މާޒިޔާގެ ކުރިޔަށް ކުޅެމުންދިޔަ ނޭޕާލްގެ ހަލުވި ކުޅުންތެރިޔާ، ރޭކާ ޕޮޑެލްއަށް ވަރަށް ވިސްނައިގެންނެވެ. ނަމަވެސް އެ ޓީމުން ވެސް ދޭތެރެދޭތެރެއިން މާޒިޔާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރިއެވެ.

މާޒިޔާއިން މެޗުގައި ކާމިޔާބުކުރި ދެ ގޯލު ވެސް ފެނުނީ ފަހު ހާފުގައެވެ. އެގޮތުން ފުރަތަމަ ގޯލު، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ކާމިޔާބުކުރީ ރޭކާއެވެ. 

އަދި އޭގެ ފަހުން އޮޑި ސްޕޯޓްސްއިން ބޮޑަށް ކުރިޔަށް ޖެހިގެން ގޯލެއް ޖެހުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވެނީސް، މާޒިޔާއަށް ލީޑު ފުޅާ ކުރުމަށް ޕެނަލްޓީއެއް ލިބުނެވެ. މެޗު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް ލިބުނު މި ޕެނަލްޓީ ރޭކާ ފޮނުވާލިއިރު، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ވާތް ފަރާތުން ބޭރަށެވެ. 

މާޒިޔާއިން ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި، ނޭޕާލްއަށް ނިސްބަތްވާ އެ ޓީމުގެ ޑީޕާ ސާހީއެވެ.

މި މެޗަށްފަހު މުބާރާތުގެ އެވޯޑް ސެރަމަނީ ބާއްވާފައިވާއިރު، އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަޤާމު ލިބުނީ ސާލިޔާ އަށެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމު ހޯދީ ރޭކާއެވެ. 

މުބާރާތުގެ މަޤާމުތަކަށް ހޮވުނު ފަރާތްތައް:

އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ: ރުސްޓުލޭވާ ލޭލާ – 9 ގޯލު (ވިކްޓަރީ ސްޕޯޓްސް ކްލަބް)

އެންމެ އުއްމީދީ ކުޅުންތެރިޔާ: އައިޝަތު ޝަހާ ޝަރީފް (ވިކްޓަރީ ސްޕޯޓްސް ކްލަބް)

އެންމެ މޮޅު ދިވެހި ކުޅުންތެރިޔާ: ފާތިމަތު ޝާލިޔާ (އޮޑި ސްޕޯޓްސް ކްލަބް)

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ރޭކާ ޕޮޑެލް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)

ފެއާރ ޕްލޭ ޓީމް: ބިސް ބުރު ސްޕޯޓްސް ކްލަބް

ޑްރީމް ޓީމް: ރުސްޓުލޭވާ ލޭލާ (ވިކްޓަރީ ސްޕޯޓްސް ކްލަބް)، ޝަޙްފާ ޝިއުތު (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، ފާތިމަތު ޝާލިޔާ (އޮޑި ސްޕޯޓްސް ކްލަބް)، ސަފީނާ ރުޝަނިޔާ (ވިކްޓަރީ ސްޕޯޓްސް ކްލަބް)، ޑިޕާ ސާހީ (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، ނަތަސިއާ ސޫސީ ރަމަދާނީ (އޮޑި ސްޕޯޓްސް ކްލަބް)، މީޝާ ޢަބްދުލް ހަންނާން (ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް)، އައީޝަތު ލީޒާ (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، އިނާޝާ އާދަމް (އޮޑި ސްޕޯޓްސް ކްލަބް)، ރޭކާ ޕޯޑެލް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން) އަދި ފިރުޝާނާ ނަސީރު (އޮޑި ސްޕޯޓްސް ކްލަބް)އެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450