ކުޅިވަރު
އެފްކޮން: އަމަދުގެ ގޯލުން ޗެމްޕިއަން އައިވޮރީ ކޯސްޓު ފުރަތަމަ މެޗު ކާމިޔާބުކޮށްފި
މޮޒަންބީކް ކޮޅަށް އަމަދު ގޯލު ކާމިޔާބުކުރުން / ފޮޓޯ: ގެޓީ އިމޭޖަސް
މޮރޮކޯގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް 2025ގައި ޗެމްޕިއަން އައިވޮރީ ކޯސްޓް ކުޅުނު ފުރަތަމަ މެޗުން އެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މޮޒަމްބީކްއާ ދެކޮޅަށް މަރުކޭޝް ސިޓީގައި ހުންނަ ސްޓޭޑް ޑި މަރުކޭޝްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ، މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް، އަމަދު ޑިއާލޯ ކާމިޔާބުކުރި ގޯލަކާއެކު، 1-0އިންނެވެ.
އެފްރިކާ ބައްރުގެ ޤައުމުތަކުގައި މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި ދިފާއުކުރުމަށް ނިކުތް އައިވޮރީ ކޯސްޓުން ވަނީ، ފީފާ ރޭންކިންގައި އެ ޓީމަށް ވުރެ 60 ދަރަޖަ ދަށުގައި އޮތް މޮޒަންބީކްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފު ފަށައިގެން 4ވަނަ މިނެޓުގައި އައިވޮރީ ކޯސްޓުން ވަނީ މެޗުގައި ލީޑު ނަގައި، އިޖިޕްޓަށްފަހު ޖެހިޖެހިގެން ދެ އަހަރު ތަށި ހޯދުމަށް ނިކުތް ޓީމެއްގެ ގޮތުން، ކޮންމެވެސް ވަރެއްގެ އުއްމީދެއް ހޯދާފައެވެ.
އެ ގޯލަކީ މޮޒަންބީކްގެ ޕެނަލްޓީ އޭރިއާ ތެރެއަށް މަތިން ހުރަސްކުރި ބޯޅައެއް، ފްރޭންކް ކެސީ ބޮލުން ތިރިއަށް ޖައްސާލުމުން އެ ބޯޅަ ލިބޭ ހިސާބުގައި ހުރި އަމަދު ތިރިތިރިން ގޯލުގެ ދުރުކަނަށް ފޮނުވާލި ބޯޅައެކެވެ.
މި މެޗުގައި މޮޒަންބީކްގެ ގޯލުކީޕަރު އާރނަން ވަނީ އައިވޮރީ ކޯސްޓުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށް، މޮޅު ކުޅުމެއްދައްކާފައެވެ.
ގްރޫޕް އެފްގައި ހިމެނޭ މި ދެ ޓީމު މުބާރާތުގައި ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހު އައިވޮރީ ކޯސްޓު ނިކުންނާނީ މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކެމަރޫންއާ ދެކޮޅަށެވެ.