ކުޅިވަރު

ވިމެންސް ކާވާ ކަޕްގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފި

ވިމެންސް ކާވާ ކަޕްގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފި

ކިރްގިސްތާނުން ތަށި އުފުލާލުން / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ޑިސެމްބަރު 2025، 12:50

26 ޑިސެމްބަރު 2025، 12:50

ވިމެންސް ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ. މިއީ އެ ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ކިރްގިސްތާނުން ކާމިޔާބުކުރީ 3-1 ސެޓުން ދިވެހިރާއްޖެ ބަލިކޮށްގެންނެވެ. 

މި މެޗަށް ރާއްޖެއިން ނިކުތީ، ލީގު ބުރުގައި ކިރްގިސްތާން ބަލިކުރުމަށްފަހު، ސައްތައިންސައްތަ ރެކޯޑަކާއެކު ތަށި ހޯދުމުގެ ބޮޑު އުއްމީދެއްގައެވެ. 

އަދި މެޗުގެ ފުރަތަމަ ސެޓު 25-20 ޕޮއިންޓުން ރާއްޖެއިން ކާމިޔާބު ކުރުމުން މި އުއްމީދު އިތުރަށް ބޮޑުވެގެން ދިޔައެވެ. އެ ސެޓުގައި ދިވެހި ޓީމަށް އެންމެ މުހިންމު ޕޮއިންޓުތައް ހޯދައިދިނީ ކެޕްޓަން ހައްވާ ރާޝިދާއެވެ.

ނަމަވެސް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ. މި ސެޓުގައި ކިރްގިސްތާނުން ލީޑު ނެގީ ވެސް ރާއްޖެއަށް 22 ޕޮއިންޓު ހޯދި ފަހުންނެވެ.

ތިން ވަނަ ސެޓުގައި ގިނަ ވަގުތު ކުރީގައި އޮތީ ކިރްގިސްތާނެވެ. ދިވެހި ޓީމުން މި ސެޓުގައި ކިރްގިސްތާނުގެ ލީޑު އިތުރަށް ފުޅާވިޔަ ނުދީ ގިނަ ވަގުތު ހިފެހެއްޓިނަމަވެސް ސެޓުގެ ފަހު ކޮޅު ކިރްގިސްތާނުން ލީޑު ފުޅާކޮށް ސެޓު ގެންދިޔައީ 17-25 އިންނެވެ.

މެޗު އަނބުރާލުމަށް ރާއްޖެއިން ހަތަރު ވަނަ ސެޓަށް ނިކުމެ ކުރި ހޯދައިގެން ގިނަ ވަގުތު ކުޅުނެވެ. ނަމަވެސް ރާއްޖެއިން 18 ޕޮއިންޓު ހޯދި ފަހުން، ސެޓުގައި އަލަށް ކިރްގިސްތާނުން ކުރި ހޯދުމަށްފަހު އެ ސެޓު ގެންދިޔައީ 21-25 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރގެ މަޤާމް ހޯދީ ރާއްޖެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ކިރްގިސްތާން ޓީމުގެ ޖޯޒީނަންބަރ 7 ނޫރްޒަމަލް ބޮލޮޓްބެކޮވާއެވެ. އަދި އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއާގެ މަޤާމް ރާއްޖޭގެ އައިމިނަތު ޝަހާ ޝާމިން ހޯދިއިރު، އެންމެ މޮޅު މިޑްލް ބްލޮކަރގެ މަޤާމު ހޯދީ ކިރްގިސްތާންގެ ކެޕްޓަން އަމިރާކުލޯވާ އާއި ރާއްޖެ ޓީމުގެ ނަރީމާ އިދުރީސްއެވެ. މީގެ އިތުރުން އެންމެ މޮޅު ސެޓަރުގެ މަޤާމު ހޯދީ ރާއްޖޭގެ ޖޫޒާން ޒަރީރުއެވެ. އަދި އެންމެ މޮޅު ލިބެރޯގެ މަޤާމު ކިރްގިސްތާނުގެ އަސީމާ ހޯދިއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ ކިރްގިސްތާންގެ ނޫރްޒަމަލް ބޮލޮޓްބެކޮވާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450