ކުޅިވަރު
ގްރީން ސްޓްރީޓްސް ބަލިކޮށް، ވިކްޓަރީއިން ގަދަ ހަތަރަކާއި ޕޮއިންޓެއް ކައިރިޔަށް ޖެހިލައިފި
ވިކްޓަރީއިން ވަނީ ގްރީން ސްޓްރީޓްސް ބަލިކޮށް ޖުމްލަ 19 ޕޮއިންޓު ހޯދާފައި / ފޮތޯ: ޕީއެސްއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ގަދަ ހަތަރަކާއި ޕޮއިންޓެއް ކައިރިޔަށް ޖެހިލައިފިއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވިކްޓަރީއިން ކާމިޔާބުކުރީ 4-1އިންނެވެ. މި ނަތީޖާއާއެކު އެ ޓީމަށް 19 ޕޮއިންޓު ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ، އެއް މެޗު މަދުން ކުޅެގެން 20 ޕޮއިންޓެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީ 3 މެޗުން މޮޅުވެފައިވީނަމަވެސް، އެ ޓީމުން މިވަނީ ދެވަނަ ބުރުގައި މިހާތަނަށް ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓާ ދެކޮޅަށް މިދިޔަ ހަފްތާގައި 3-1އިން ހޯދި ކާމިޔާބީ ވެސް ހިމެނެއެވެ. ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓުން ވަނީ ވިކްޓަރީ 4-0އިން ބަލިކޮށްފައެވެ.
ލީގުގެ ފުރަތަމަ ބުރު ނިމުނުފަހުން ކުޅުންތެރިން ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި ވިކްޓަރީއިން ވަނީ ބުރަމަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސްލޮވެކިއާގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެފައިވާ މިލޯސް ލެޗްނީ އެ ޓީމާ ގުޅިފައިވާއިރު، މިއަދުގެ މެޗުގައި އެ ޓީމާ އަލަށް ގުޅުނު ހަންގޭރީގެ މިޑްފީލްޑަރ ބެންސް ފަރްކާސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުމެފައެވެ. މީގެ އިތުރުން، ކްލަބް އީގަލްސްއަށް ކުޅެމުން އައި އަޙުމަދު ރިޒުވާން ވެސް އެ ޓީމާ ވަނީ ގުޅިފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީއިން ވަނީ 3 ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ހާފުގެ ފުރަތަމަ ގޯލާއި ފަހު ގޯލު ލެޗްނީ ކާމިޔާބުކުރިއިރު، ދެވަނަ ގޯލު ކާމިޔާބުކުރީ އަލީ ޝާމިސްއެވެ. އަދީ ލެޗްނީގެ ދެވަނަ ގޯލަކީ ޕެނަލްތީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ވިކްޓަރީއިން ވަނީ ފަހު ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ގޯލު ކާމިޔާބުކުރީ ޢަބްދުالله މިދުހަތު ފަޙުމީއެވެ.
ގްރީން ސްޓްރީޓްސްގެ ހަމައެކަނި ގޯލު މެޗުގެ 77ވަނަ މިނެޓުގައި ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަޙީދެވެ. މިއީ ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ސީޒަންގައި މީގެ ކުރިން ވެސް އޭނާ ވަނީ ހިލޭ ޖެހުމަކުން ގޯލެއް ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު އެ ޓީމު އޮތީ 8 ޕޮއިންޓާއެކު ލީގުގެ 8 ވަނައިގައެވެ.