ކުޅިވަރު
އަޝްފާގު ގަލޮޅު ދަނޑަށް އެނބުރި އައި މެޗުގައި ނިއު ރޭޑިއަންޓު މޮޅުވެއްޖެ
ބުރު ސްޕޯޓްސްގެ ކުޅުންތެރިއެއްގެ ކައިރިން ދިއުމަށް ޢަލީ އަޝްފާގު މަސައްކަތްކުރަނީ / ފޮޓޯ: މިހާރު
ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު ގިނަ ދުވަސްތަކަކަށް ފަހު ގަލޮޅު ދަނޑަށް އެނބުރި އައި މެޗުގައި، އޭނާ މިހާރު ކުޅެމުންދާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 3-0އިންނެވެ.
މި މެޗުގައި އަޝްފާގު ކުޅެން ނިކުތީ މެޗުގެ 80 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓާ އަލަށް ގުޅުނު ނައިޖީރިއާގެ ފޯވާޑް، އަލް ހާޖީ ގެރޫގެ ބަދަލުގައެވެ. އަޝްފާގު އެންމެ ފަހުން ގަލޮޅު ދަނޑުން ފެނުނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޖާޒީގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެއަށްފަހު އޭނާ އަނބުރާ ދަނޑަށް މި ނިކުތީ ކަކުލުގެ ސާރޖަރީތަކެއް ހެދުމަށްފަހުއެވެ.
ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސްއިން ރޭގެ މެޗަށް ނިކުތްއިރު، ދެ ޓީމުވެސް އޮތީ 20 ޕޮއިންޓާއެކުއެވެ. އެހެންކަމުން މި މެޗުގެ 3 ޕޮއިންޓަކީ ލީގުގައި 3ވަނައިގައި މި ހަފްތާ ނިންމާލުމަށް ދެ ޓީމަށް ވެސް އޮތް ފުރުސަތެކެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުން ލީޑު ނެގީ ފުރަތަމަ ހާފުގައި ޙަސަން ރާއިފް އަޙުމަދު ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އެ ޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކުރީ، އެ ގޯލު ޖެހުމަށް ރާއިފްއަށް ތަނަވަސްކޮށްދިން ޢަލީ ފާސިރުއެވެ.
ބުރު ސްޕޯޓްސް ކޮޅަށް ގޯލު ޖެހުމަށްފަހު ޢަލީ ފާސިރު އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
ނިއުގެ ދެވަނަ ލަނޑު ފާސިރު ކާމިޔާބު ކުރީ މެޗުގެ 53 ވަނަ މިނިޓުގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލައިގެންނެވެ. ތިންވަނަ ލަނޑު ފާސިރު ޖެހީ 58 ވަނަ މިނިޓުގައި އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލާ ގޯލުގެ ކަނަށް ވައްދަލައިގެންނެވެ.
މި ގޯލު ތަކާއެކު ފާސިރު މިވަނީ ލީގުގައި މިހާތަނަށް 10 ގޯލު ކާމިޔާބުކޮށްފައެވެ. ބުރު ސްޕޯޓްސްގެ މުޙައްމަދު ނާއިމް ވެސް ވަނީ މި އަދަދަށް ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މާޒިޔާގެ ބިދޭސީ ފޯވާޑް ސާރޖިއޯ މެންޑީއެވެ.
މި މެޗާ އެކު ލީގުގެ 12 ހަފްތާގެ ކުޅުން ނިމުނު އިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއްވަނައިގަ އޮތީ 34 ޕޮއިންޓާއެކުއެވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނައިގަ އޮތީ 28 ޕޮއިންޓާއެކުވެ.