ދުނިޔެ
މެކްސިކޯގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 98 މީހުންނަށް އަނިޔާވެ، 13 މީހަކު މަރުވެއްޖެ
އެކްސިޑެންޓް ހިނގާފައިވާ ސަރަޙައްދު/ފޮޓޯ: އަލްޖަޒީރާ
މެކްސިކޯގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 98 މީހުންނަށް އަނިޔާވެ، 13 މީހަކު މަރުވެއްޖެ އެވެ.
އެ ސަރަޙައްދުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ގަލްފް އޮފް މެކްސިކޯ އާއި ޕެސިފިކް ކަނޑާ ދެމެދު ދަތުރު ކުރަމުންދިޔަ ރޭލު، ރޭލު ދަނޑިން ކަހާލައިގެންނެވެ. އަދި މި ޙާދިސާ ހިނގި ވަގުތު ރޭލުގައި 241 ފަސިންޖަރުންނާއި 9 ފަޅުވެރިން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. ހަމަ އެހެންމެ، މީގެ ތެރެއިން ޖުމްލަ 98 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، 13 މީހުން ވަނީ މަރުވެފައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން 36 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މެކްސިކޯގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
މި ޙާދިސާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހިއްސާކުރަމުން ކަމާ ބެހޭ އޮފިޝަލަކު ބުނީ، ރޭލު ދަނޑިން ކަހާލީ ނިޒާންޑާ ޓައުން ކައިރީގައި އޮންނަ ބެންޑަކުން އަޅާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ހަމަ އެހެންމެ، މިކަމާއި ގުޅޭ ތަޙުޤީގެއް ކުރިއަށްދާކަމަށް މެކްސިކޯގެ އެޓާނީ ޖެނެރަލް ވަނީ ބުނެފައެވެ. މީގެ އިތުރުން، މި ޙާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުނު 98 މީހުންގެ ތެރެއިން 5 މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މީސް މީޑިއާއިން ހިއްސާކުރަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ރޭލު، ރޭލު ދަނޑިން ކަހާލައި ރޭލުގެ ބައެއް ފަރުބަދައަކާ ދިމާލަށް ވަނީ އަރިއަޅާލާފައެވެ.