Ads by Stelco

ޚަބަރު

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފި

ށ. ފުނަދޫ އެއާރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައި ވަނީ އަންގާރަ ދުވަހު / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

01 ޖެނުއަރީ 2026، 11:49

01 ޖެނުއަރީ 2026، 11:49

ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ނިންމައި، ރާއްޖޭގެ ހުރިހާ އެއާޕޯޓަކީ 24 ގަޑިއިރު ފްލައިޓްތައް ޖެއްސޭނެ އެއާރޕޯޓުތަކަށް ހެދުމަށް ސަރުކާރުން ފެށި މަސައްކަތް ކާމިޔާބުކޮށްފިއެވެ.

ސަރުކާރުން ފެށި މި މަސައްކަތުގެ ތެރެއިން އެންމެ ފަހުން ނިންމާލާފައި ވަނީ ށ. ފުނަދޫ އެއާރޕޯޓެވެ. 

ފުނަދޫއަށް ޓެސްޓު ފްލައިޓު ޖެއްސީ އަންގާރަ ދުވަހުގެ ރޭގަނޑެވެ. ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައެވެ.

ޓެސްޓު ފްލައިޓުގައި އެމްއޭސީއެލްގެ މުވައްޒަފުން ފުނަދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުން / ފޮޓޯ: އެމްއޭސީއެލް

ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް، އެ އެއާރޕޯތުގެ ޢަމަލީ މަސައްކަތް ފެށީ ށ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި 15 އޮކްޓޫބަރު 2025 ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއަރޕޯޓުގައި ލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށެވެ. އަދި ރައީސްގެ އިރުޝާދާއި އެއްބާރުލުމާއެކު މި ލަނޑުދަނޑި ހާސިލުކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ވަޒީރު ވަނީ މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ކޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450