ޚަބަރު
ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރައްވައިފި
ޒަކާތް ބަލައިގަތުން/ފޮޓޯ: ޒަކާތު ހައުސް
ޒަކާތުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤާއިމުކުރައްވައިފި އެވެ.
މިއާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.
އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޒަކާތުގެ ބިލު ތަސްދީޤުކުރައްވާފައި ވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ކޮށްފައިވާއިރު، އަލަށް ޢަމަލުކުރަން ފެށި މި ޤާނޫނާއެކު ޒަކާތާއި ގުޅުންހުރި ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ އެވެ.