ކުޅިވަރު

އެފްކޮން: އިތުރު ވަގުތު ކާމިޔާބުކުރި ދެ ގޯލާއެކު، ބެނިން ބަލިކޮށް މިސްރުން ކުއާޓާއަށް ދަތުރުކޮށްފި

އެފްކޮން: އިތުރު ވަގުތު ކާމިޔާބުކުރި ދެ ގޯލާއެކު، ބެނިން ބަލިކޮށް މިސްރުން ކުއާޓާއަށް ދަތުރުކޮށްފި

މިސްރުގެ ފަހު ގޯލު ކާމިޔާބުކުރުމަށްފަހު ސަލާޙް އުފާފާޅު ކުރަނީ / ފޮޓޯ: އޭއެފްޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖެނުއަރީ 2026، 08:43

06 ޖެނުއަރީ 2026، 08:43

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ނޮކްއައުޓް ބުރުގައި ބެނިން ބަލިކޮށް މިސްރުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

މޮރޮކޯގައި ކުރިޔަށްދާ މި މުބާރާތުގެ ކުއާޓާގެ ޖާގައެއް މިސްރުން ކަށަވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވެފައިވުމުން، ކުޅުނު އިތުރު ވަގުތުގައި 2 ގޯލު ކާމިޔާބުކޮށް 3-1އިން ބެނިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގައި މިސްރުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެ ޓީމުން ލީޑު ނެގީ މެޗުގެ 69ވަނަ މިނެޓުގައި މަރްވީން އަތިއާ ކާމިޔާބުކުރި ގޯލުންނެވެ.

ނަމަވެސް މިސްރު ޓީމަށް ހާސްކަން ގެނުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައިވަނިކޮށް ބެނިންގެ ޖޮޑެލް ޑޯސޫގެ ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަވުމުންނެވެ.

މިސްރަށް ދެން ހަމަޖެހިލެވުނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޔާސިރު އިބްރާޙިމްގެ ގޯލަކުން އެ ޓީމުގެ ލީޑު އަނބުރާ ހޯދުމަށްފަހުއެވެ.

އެ ޓީމުން ލީޑު ފުޅާކުރީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެނިކޮށް މުޙައްމަދު ސަލާޙް ކާމިޔާބުކުރި ގޯލުންނެވެ.

ކުއާޓާ ފައިނަލުގައި މިސްރުން ނިކުންނަން ޖެހޭނީ މިއަދު އައިވޮރީ ކޯސްޓާއި ބުރުކީނާ ފާސޯ ބައްދަލުކުރާ މެޗު ކާމިޔާބުކުރާ ޓީމަކާ ދެކޮޅަށެވެ.

މި މުބާރާތުގެ ކުއާޓާގެ ޖާގަ މިހާރު ވަނީ 6 ޓީމަކުން ހޯދާފައެވެ. އެއީ ސެނެގާލް، މާލީ، މޮރޮކޯ، ކެމަރޫން، މިސްރު އަދި ނައިޖީރިއާއެވެ. މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅޭނީ މި މަހުގެ 9 އަދި 10ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450