ދުނިޔެ
އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފެއިލްވުމުން އުތުރު ކޮރެއާގެ ބޮޑުވަޒީރުގެ ނައިބު މަގާމުން ވަކިކޮށްފި
އުތުރު ކޮރެއާގެ ލީޑަރު
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ގައުމުގެ އިގްތިސާދީ ސިޔާސަތުތަކާ ބެހޭ އިސް އޮފިޝަލަކު މަގާމުން ވަކިކުރައްވައި، ސަރުކާރުގެ އިސް މެންބަރުންނަކީ "ގާބިލުކަމެއް ނެތް" ބައެއްގެ ގޮތުގައި ސިފަކުރައްވައި އާންމުކޮށް ފާޑުވިދާޅުވެއްޖެއެވެ.
މިއީ ސިއްރިއްޔާތުގައި ކަންކަން ކުރާ މި ގައުމުގައި އާންމުކޮށް ކަންކަން ހިނގާ އުސޫލާ ހިލާފަށް، އޮފިޝަލުންނަށް އަމާޒުކޮށް ދެއްވި ވަރުގަދަ އިންޒާރެއްގެ ގޮތުގައި ބެލެވެއެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ (ކޭސީއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމް ވަނީ ބޮޑުވަޒީރުގެ ނައިބު ޔަންގް ސަންގް-ހޯ މަގާމުން ވަކިކުރައްވާފައެވެ. ޔަންގް މަގާމުން ވަކިކުރީ ރިޔޮންގްސޮންގް މެޝިން ކޮމްޕްލެކްސްގެ މޮޑަނައިޒޭޝަން މަޝްރޫއުގެ ފުރަތަމަ މަރުހަލާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން "އެ ވަގުތުން ވަގުތަށް" ކަމަށް ރިޕޯޓްތައް ބުނެއެވެ. ކިމް ވިދާޅުވި ގޮތުގައި ޔަންގް އަކީ ބުރަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރަން އެކަށީގެންވާ ބޭފުޅެއް ނޫނެވެ.
މަގާމުން ވަކިކުރި ޔަންގް އަކީ މީގެ ކުރިން މެޝިނަރީ އިންޑަސްޓްރީ މިނިސްޓަރުކަން ކުރައްވާފައިވާ، އަދި ޕާޓީގެ ލީޑަޝިޕް ކައުންސިލްގެ މެންބަރެކެވެ. ކިމް ވަނީ ޔަންގްގެ އައްޔަންކުރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން، އެއީ "ބަކަރިއެއްގައި ގާޑިޔަލެއް އެޅުވުން ކަހަލަ" ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"ސާދާކޮށް ބުނާނަމަ، އެއީ އަޅުގަނޑުމެންގެ ކެޑޭޓުން އައްޔަންކުރުމުގެ މަރުހަލާގައި ހެދުނު ގޯހެއް. ގާޑިޔާ ދަމާނީ ގެރި، ބަކަރިއެއް ނޫން،" ކިމް ވިދާޅުވި ކަމަށް ކޭސީއެންއޭ އިން ރިޕޯޓްކުރެއެވެ.
މި ދަތުރުފުޅުގައި ކިމް ވަނީ މަޝްރޫއު ލަސްވުމުގެ ޒިންމާ އުފުލަންޖެހޭ އޮފިޝަލުންނަށް ވަރަށް ބޮޑަށް ކޯފާވެފައެވެ. ޒިންމާދާރުކަން ކުޑަ، ބޭއަދަބީ އަދި ގާބިލުކަމެއް ނެތް އިގްތިސާދީ އިސްވެރިންގެ ސަބަބުން މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕާޓީގެ ބައެއް މެންބަރުން ބަލިގަބޫލުކުރުމާއި، ފަރުވާކުޑަކުރުމުގެ އާދަ ހިފާފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވިއެވެ.
ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުނާ ގޮތުގައި، މިފަދަ އާންމު ފާޑުކިޔުންތަކަކީ ކުރިއަށް އޮތް ނުވަވަނަ ޕާޓީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން އޮފިޝަލުންގެ މެދުގައި އަދަބުވެރިކަން ގާއިމުކުރުމަށް ކުރާ ކަމެކެވެ. މީގެ އިތުރުން، ކިމްގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިސް ތިން ޔުނިޓެއްގެ ވެރިންވެސް ދާދި ފަހުން ވަނީ ބަދަލުކޮށްފައެވެ.
ޔުނިވާސިޓީ އޮފް ނޯތު ކޮރެއަން ސްޓަޑީޒްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ އާންމުންގެ ކުރިމަތީގައި އޮފިޝަލުން ޖަވާބުދާރީ ކުރުވައި، އެހެން އޮފިޝަލުންނަށް އިންޒާރު ދިނުމުގެ ގޮތުން ކިމް ގެންގުޅުއްވާ "ޝޮކް ޓެކްޓިކް" އެކެވެ. ޔަންގްގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއް އަދި އިއުލާނެއް ނުކުރެއެވެ.