ޚަބަރު
މާލެ ވިޔަފާރި ބަނދަރުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން އެމްޕީއެލްގެ މުވައްޒަފަކު ނިޔާވެއްޖެ
އަމީން ޢަބްދުލްޚަމީދު ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި މަސައްކަތް ކުރަމުންދަނިކޮށް، ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.
އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި ނިޔާވެފައިވަނީ އެ ކުންފުނީގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައި ހުރި، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްޚަމީދު ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމްޕީއެލުން މަޢުލޫމާތު ދިން ގޮތުގައި، އަމީން ފިޓުޖެހިގެން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް ގޮސް، އެމްބިއުލަންސްގައި އޭނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އަމީން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލުން މަޢުލޫމާތު ދެއެވެ.
ނިޔާވި އަމީން އަކީ 2020 ވަނަ އަހަރުން ފެށިގެން އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. އޭނާގެ ކުއްލި ވަކިވުމާ ގުޅިގެން، އެމްޕީއެލްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި އޭނާގެ ޢާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.