ކުޅިވަރު
ދިވެހި ލީގު: އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު ޓީސީ ރެލިގޭޝަނުން ސަލާމަތްވެއްޖެ
ޓީސީގެ ބޯޑު ޕްރިންސްގެ އަތުން ބޯޅަ ހޯދުމަށް ވެލެންސިއާގެ ޑިފެންޑަރެއް މަސައްކަތް ކުރަނީ، ފޮޓޯ: ޕީއެސްއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ވެލެންސިއާ ކޮޅަށް އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު، ޓީސީ ސްޕޯޓްސް ކްލަބު ރެލިގޭޝަނުން ސަލާމަތްވެއްޖެއެވެ. ނަމަވެސް އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި މަޑުކުރެވޭނީ ރެލިގޭޝަންގެ ޕްލޭއޮފް ކާމިޔާބުކޮށްގެންނެވެ.
ޓީސީއަށް ލިބުނު ކޯނަރަކުން ފަހިވި ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދީ، ޓީމު 1-0އިން މޮޅުކޮށްދިނީ ބޯޑޫ ޕްރިންސްއެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް 16 މެޗު ކުޅެފައިވާއިރު، ރޭގެ މޮޅާއެކު ޓީސީއަށް މިހާރު ލިބިފައި ވަނީ 15 ޕޮއިންޓެވެ. އަދި ޓީސީ ރެލިގޭޓު ނުވާނެކަން ޔަޤީންވީ، ލީގުގެ އެންމެ ފުލުގައި އޮތް ޔުނައިޓެޑު ވިކްޓަރީއަށް 7 ޕޮއިންޓު އަދި ވެލެންސިއާއަށް 8 ޕޮއިންޓު ލިބިފައިވާއިރު، ލީގުގައި ބާކީ އޮތް ދެ މެޗުން ޓީސީ ބަލިވި ނަމަވެސް، އެ ދެ ޓީމަށް ޓީސީއާ އެއްހަމައެއް ނުކުރެވޭނެތީއެވެ.
ލީގު ރޭވިފައި އޮތް ގޮތުން ތާވަލުގެ 9 އަދި 10ވަނައިގައި އޮންނަ ދެ ޓީމު ސީދާ ރެލިގޭޓުވާއިރު، 7 އަދި 8ވަނައަށްދާ ދެ ޓީމަށް އަންނަ ސީޒަން ޔަޤީން ވާނީ ޕްލޭ އޮފް މެޗުތަކަށްފަހުއެވެ. ޕްލޭ އޮފްގައި ވާދަކުރާނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ 3 ޒޯނުގެ ޗެމްޕިއަނުންނާއި، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާއި އަދި ލީގުގެ 7ވަނަ އާއި 8ވަނައަށްދާ ޓީމުތަކެވެ.
ރަސްމީ ބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ ހަމަހަމަ ކުޅުމެކެވެ. އެހެންކަމުން އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ގޮސްފައެއް ނުވެއެވެ.
ޓީސީގެ ގޯލަކީ އިތުރު ވަގުތުގެ 8ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ވެލެންސިއާގެ ކުޅުންތެރިންނަށް ސާފުކޮށް ނުލެވި އުޅެނިކޮށް، ގޯލު އޭރިއާގެ ރޮނގުމަތީގައި ހުރެފައި ކަހަލަ ގޮތަކަށް ބޯޑޫ ޕްރިންސް ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައެކެވެ.
މިއީ ލީގުގައި މިހާތަނަށް އޭނާ ކާމިޔާބުކުރި 5ވަނަ ގޯލެވެ. އަދި ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އޭނާއަށް ލިބުނުއިރު، މީގެ ކުރިން ކުޅުނު 3 މެޗެއްގައި ވެސް މޮޅު ކުޅުންތެރިޔާގެ އެވޯޑު އޭނާ ހާސިލްކޮށްފައިވެއެވެ.
ލީގުގައި މިހާރު ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗު އޮތްއިރު، ލީގު ޔަޤީން ކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމަށް 44 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.