ޚަބަރު
މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައި، ލެބޯޓަރީގެ ޚިދުމަތް ފަށައިފި
މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައި ލެބޯޓަރީގެ ޚިދުމަތް ފެށުން
ނޫނު އަތޮޅު މިލަދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ތަރައްޤީކުރި އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް، އެ އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިލަދޫގެ އިތުރުން ނ. މާޅެންދޫގައިވެސް ލެބޯޓަރީގެ ޚިދުމަތް ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. މިއީ އެ ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކަށް ލިބުނު ބޮޑު ލުޔެކެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް އެދޭ ކަމަކީ ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުން ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިރަށުގެ ޞިއްޙީ މަރުކަޒަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން، އަދި ހަމަ ލެބޯޓްރީގެ ޚިދުމަތްވެސް އެކަށީގެންވާގޮތުގައި ނެތުމުގެ މައްސަލަ އޮތް. އެހެންކަމުން ރަށްރަށަށް ރައީސް ވަޑައިގަތުމުން އެންމެ ބޮޑަށް އަންނަ ރިކުއެސްޓަކީ ލްބޯޓްރީގެ ޝަކުވާ. އެހެންކަމުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެޚިދުމަތް ޤާއިމުކުރުމަށްދަނީ މަސައްކަތްކުރަމުން." ވަޒީރު ވިދާޅުވިއެވެ.
މިލަދޫގައި މީގެކުރިން ލެބޯޓަރީގެ ޚިދުމަތް ދެމުންދިޔައީ މޮބައިލް ލެބޯޓަރީގެ ގޮތުގައެވެ. އަދި ވޭތުވެދިޔަ 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެރަށުގެ ޞިއްޙީ މަރުކަޒުން ޚިދުމަތް ދެމުންދިޔައީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ހާލަތެއްގައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، އަލަށް ހުޅުވުނު އިމާރާތާއެކު އާންމު ޞިއްޙަތުގެ ދާއިރާ ކުރިއެރުވުމަށާއި ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.