ކުޅިވަރު
އެފްއޭއެމްގެ ނިންމުން ވެލެންސިއާއިން ބަލައެއް ނުގަތް
އެފްއޭއެމްގެ ނިންމުން ވެލެންސިއާއިން ބަލައެއް ނުގަތް---
ދިރާގު ދިވެހި ލީގުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ކްލަބް ގްރީން ސްޓްރީޓްސް ކުޅެން އޮތް މެޗަށް ގްރީން ސްޓްރީޓްސް ހާޒިރު ނުވި މައްސަލާގައި އެ ކްލަބާ ދެކޮޅަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އެޅި ފިޔަވަޅު ކްލަބް ވެލެންސިއާއިން ބަލައިނުގަންނަކަން އެ ކްލަބުން ހާމަކޮށްފިއެވެ.
މި މައްސަލާގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ވަނީ ކްލަބް ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައި، އެންމެ އަވަހަށް އަންނަ ޓްރާންފާރ ވިންޑޯގައި އެ ޓީމަށް ކުޅުންތެރިން ގަތުމާއި ވިއްކުން އަދި އެއްވެސް ޓްރާންސްފާރއެއް ކުރިޔަށް ގެންދިއުން ހުއްޓުވުމަށް ނިންމާފައެވެ.
އެފްއޭއެމްގެ މި ނިންމުމާ ގުޅިގެން ކްލަބް ވެލެންސިއާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މެޗެއް ނުކުޅެ ނަތީޖާ ކަނޑައެޅުމާއި މެޗު ކުޅެގެން ނަތީޖާ ކަނޑައެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށާއި، ގްރީން ސްޓްރީޓްސްއިން މެޗު ފިކްސް ކުރީކަމަށް އެފްއޭއެމްއިން ޤަބޫލުކުރާކަން އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމުން ދޭހަވާއިރު، އެ ކުށަށް ދީފައިވާ އަދަބަކީ ލުއި އަދަބެއް ކަމަށެވެ. އެގޮތުން މެޗް ފިކްސިންއަކީ ހަރުކަށި އަދަބު ދޭން ޖެހޭ ކުށެއް ނަމަވެސް، އެފްއޭއެމްއިން ދިން އަދަބު ދެކޮޅު ނުޖެހޭ ކަމަށް ވެލެންސިއާއިން ބުންޏެވެ.
މީގެއިތުރުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ޓްރާންސްފާރ ބޭންކޮށްފައި ވަނީވެސް ހަމަޖެހޭ އުސޫލަކުން ނޫންކަމަށް ވެލެންސިއާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާރ ޕީރިއަޑަކީ މެއި ނޫނީ ޖޫން މަހުގައި އަންނަ ޓްރާންސްފާރ ޕީރިއަޑަކަށްވީއިރު، އޭގެ ކުރިން ގްރީން ސްޓްރީޓްސްގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، ރަޖިސްޓްރީ ކުރަން އެ ކްލަބަށް ފުރުސަތު ލިބޭނެތީ، އެ އަދަބުން ކްލަބަށް ލިބޭނެ މާބޮޑު ގެއްލުމެއް ނޯންނާނެފަދަ ގޮތަކަށް ވެލެންސިއާއިން މި އަދަބު ސިފަކުރެއެވެ.
އަދި ޖޫރިމަނާކުރުމާއި ކުޅުންތެރިން ޓްރާންސްފާރވުން މަނާކުރުމަކީ ފުޓުބޯޅައިގެ އާންމުކޮށް ކުރާ ކުށްތަކަށް ދެމުން އަންނަ ދަރަޖައިގެ އަދަބަކަށްވީ ހިނދު، މެޗު ފިކްސިންފަދަ ކުށަކާ ގުޅިގެން އެ އަދަބު ދިނުން ބަލައިނުގަނެވޭކަމަށް ވެލެންސިއާއިން ބުނެއެވެ.
އަދި މައްސަލަ ނިންމުމުގައި ވެލެންސިއާއިން ބަލައިދިނުމަށް އެދުނު ކަންކަމަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ވެސް އެ ކަލްބުން ފާހަގަކޮށްފައި ވެއެވެ. މީގެއިތުރުން އެ އަދަބުތަކަކީ އާންމުކޮށް މުސާރައިގެ މައްސަލަތަކުގައި ފީފާއިން ދެމުން އަންނަ އަދަބުތަކެއްކަމުން، ގްރީން ސްޓްރީޓްސް ކުރި ކުށާ ބަލާއިރު އެ އަދަބުތައް ލުއިކަމަށާއި، މައްސަލަ ނިންމުމުގައި ވެލެންސިއާގެ ހުށަހެޅުންތަކަށް އެމްއޭއެމްއިން ރިއާޔަތްކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން މައްސަލަ ހުށަހެޅީ ވެލެންސިއާއިން ނަމަވެސް، އިސްތިއުނާފު ކުރުމަށް ދީފައި ވަނީ ގްރީން ސްޓްރީޓްސްއަށް އެކަނި ކަމަށާއި، އެ މައްސަލައިގައި ގްރީން ސްޓްރީޓްސްގެ ޕޮއިންޓް އުނިކުރުން، ނޫނީ ރެލިގޭޓް ކުރުން ފަދަ އަދަބެއް ނުދީ އޮތީ ފުޓުބޯޅައަށްވުރެ އެހެން ކަންކަން އިސްކޮށް، ބާރުގަދަ އަތްތަކަކަށް ދީލާލުމުގެ ގޮތުން ކަމަށްވެސް ވެލެންސިއާއިން ބުނެއެވެ.
ލީގުގެ ފަހު މެޗަށް ގްރީން ސްޓްރީޓްސްއިން ހާޒިރުނުވިއިރު، ވެލެންސިއާ ވަނީ ފަހު މެޗުގައި ކްލަބް އީގަލްސް 2-0އިން ބަލިކޮށް، 12 ޕޮއިންޓު ހޯދާފައެވެ. އަދި ގްރީން ސްޓްރީޓްސްއަށް ވެސް 12 ޕޮއިންޓު ލިބިފައި އޮތްއިރު، ލީގު ތާވަލުގައި ވެލެންސިއާއަށް ވުރެ އެއް ދަރަޖަ މަތީގައި، ލީގުގެ އަށްވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 4 ގޯލުގެ ތަފާތުންނެވެ.
އެހެންކަމުން ގްރީން ސްޓްރީޓްސްއިން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވުމުން، ލީގުގެ ޤަވާއިދުގައިވާ ގޮތުން، އެ މެޗު 2-0އިން ނިއު ރޭޑިއަންޓަށް ލިބުނެވެ. އަދި މި ނަތީޖާއާއެކު ރެލިގޭޓުވީ ވެލެންސިއާއެވެ.