ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން އީގަލްސް އާއި ވިކްޓަރީ ޖާގަ ހޯދައިފި

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން އީގަލްސް އާއި ވިކްޓަރީ ޖާގަ ހޯދައިފި

އީގަލްގެ އިބްރާޙިމް ވަޙީދު ވަނީ ޕްލޭ އޮފްގައި ހެޓްރިކް ހަދާފައި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ފެބްރުއަރީ 2026، 08:20

09 ފެބްރުއަރީ 2026، 08:20

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން ކްލަބް އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ޖާގަހޯދައިފިއެވެ. 

މި ދެ ޓީމުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ، ދިވެހި ޕްރިމިއަރ ލީގުގެ ފަސްވަނަ އާއި އަށްވަނައިގައި އޮތް ހަތަރު ޓީމުގެ ދެމެދުގައި ކުޅުނު ނޮކްއައުޓް ޕްލޭ-އޮފް މެޗުތަކަށްފަހުއެވެ.

އެގޮތުން ޕްލޭއޮފްގައި، ލީގުގެ ހަތަރުވަނަ ހޯދި ޓީމެއްގެ ގޮތުން އީގަލްސް ނިކުތީ ލީގުގެ އަށްވަނަ ހޯދި ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އެ މެޗު 6-0އިން ކާމިޔާބުކުރީ އީގަލްސްއެވެ. އެ މެޗުގައި އީގަލްގެ އިބްރާޙިމް މަޙުދީ ޙުސެއިން ވަނީ ހެޓްރިކެއް ވެސް ހަދާފައެވެ.

ދެވަނަ މެޗުގައި ލީގުގެ ހަވަނަ އާއި ހަތްވަނަ ހޯދި ދެ ޓީމުކަމުގައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނުއިރު، މި މެޗު 2-0އިން ކާމިޔާބުކުރީ ވިކްޓަރީއެވެ. 

އެ މެޗުގައި ވިކްޓަރީގެ ގޯލުތައް ކާމިޔާބުކުރީ އަލީ ނަސޫހު ރަޝީދު އާއި އަޙުމަދު ރިޒުވާންއެވެ. 

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ފަށާނީ އަންގާރަ ދުވަހުއެވެ. ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ހަވީރު ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ މެޗުގައި އެރޭ ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކަލްބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ދެ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450