ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗު މާޒިޔާއިން ކާމިޔާބުކޮށްފި

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗު މާޒިޔާއިން ކާމިޔާބުކޮށްފި

މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ފެބްރުއަރީ 2026، 07:08

11 ފެބްރުއަރީ 2026، 07:08

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބުކޮށްފިއެވެ. ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0އިންނެވެ. 

މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ، މެޗުގެ 15ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުން ހޯދި ފުރުސަތެއްގައި ކާމިޔާބުކުރި ގޯލެކެވެ. އެގޮތުން އަޙުމަދު އައިހަމް ކޯނަރު ނަގައިދިންއިރު، ކޯނަރު ނެގި ފަރާތުން ގޯލުގެ ކުރީ ދަނޑިއަށްވުރެ ކުޑަތަންކޮޅެއް ކުރީގައި ހުރި މާޒިޔާގެ ކެޕްޓަން ސަމޫޙް ޢަލީ އެ ބޯޅަ ބޮލުން ޖައްސައި ހިއްލާލުމުން، ގޯލު ހުރަސްކޮށް ބޯޅަ ގޮސް ލިބުނީ ގޯލުގެ ފަހަތު ދަނޑި ކައިރީގައި ހުރި އަޒަރުބައިޖާންގެ ޑިފެންޑަރ ނާޒިމް މަމަދުޒާދާ އަށެވެ. އޭނާ ވަނީ އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މާޒިޔާއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފުގައި މެޗު އެއްވަރު ކުރުމަށް ބުރު ސްޕޯޓްސްގެ މުޙައްމަދު ނާއިމްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިއައީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާ ކުރުމަށް މާޒިޔާއަށް ލިބުނު ފުރުސަތު ވެސް ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 49ވަނަ މިނެޓުގައި މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރ ދިފާއުކުރިއިރު، އެ ހަމަލާގެ ރީބައުންސް ވެސް ލިބުނީ މެންޑީއަށެވެ. ނަމަވެސް އޭނާ ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުކުރެވުނެވެ. 

މީގެ އިތުރުން ދެވަނަ ހާފުގައި ކުޅެން ނިކުތް މާޒިޔާގެ ޒުވާން ފޯވާޑް، މުޙައްމަދު އިލާން އިމްރާންއަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އިލާންގެ ހަމަލާ ވެސް ބޭކާރުވީ ގޯލަށް އަމާޒު ނުކުރެވިގެންނެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ ވިކްޓަރި ސްޕޯޓްސް ކަލްބެވެ. މި ގްރޫޕްގައި ދެން އޮންނާނީ މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރާ މެޗެވެ. އެ މެޗު ކުޅޭނީ މި މަހުގެ 16ވަނަ ދުވަހުގެ ހަވީރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450