ޚަބަރު
ޞިއްޙީ ދާއިރާއިން ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި ހިމެނުމުން ޑަބްލިޔުއެޗްއޯގެ ތަޢުރީފު ރައީސަށް
ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
12 ފެބްރުއަރީ 2026، 07:15
12 ފެބްރުއަރީ 2026، 07:15
ޚަބަރާއި މަޢުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާއިން ހޮވި2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންނެވުމާ ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެ މަނިކުފާނަށް މަރުޚަބާ ދަންނަވައިފިއެވެ.
ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، ޢާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެ މަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
އެގޮތުން ޓައިމްސް މެގަޒިންއިން ވަނީ މި ސަރުކާރުގެ ޞިއްޙަތާ ބެހޭ ސިޔާސަތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.
ރާއްޖެއަކީ މާބަނޑު އަންހެނުންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން އެއްފަހަރާ ނައްތާލި ފުރަތަމަ ޤައުމުކަން ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާކަންވެސް ޓައިމް މެގަޒިނުން ފާހަގަކުރެއެވެ. ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ދާދިފަހުން ޑަބްލިއުއެޗްއޯގެ ޚާއްޞަ އެވޯޑެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.