ރިޕޯޓް
ކުޅުންތެރިން މިނެކިރަންވާނީ އެކުޅުންތެރިއެއްގެ ހުނަރުން ، ނަމާއި ނަސަބަކުން ނޫން
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024 ފޮޓޯ: ޓީޓީ އެސޯސިއޭޝަން
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.(އަލްޙުޖުރާތު : 6 )
ކީރިތި ގުރުއާނުގެ މި މަތިވެރި އިރުޝާދަކީ ކޮންމެ ކަމެއްގައިވެސް ހަގީގަތް ހޯދުމުގެ މުހިންމުކަން އަންގައިދޭ ދަލީލެކެވެ.އަޅުގަނޑުމެންގެ ތެރޭގައި ޝައްކާއި ވަހުމް އުފެދޭ ކޮންމެ ހިނދެއްގައި، އެންމެ ރަނގަޅު ގޮތަކީ ހަގީގަތުގެ އަސްލަށް ރުޖޫޢަވުމެވެ. މީސްމީޑިއާގެ ކޮމެންޓްތަކާއި، ފަތުރާ އަޑުތަކަށްވުރެ ބޮޑަށް ބަލަންޖެހެނީ ފެންނަން ހުރި ހެކިތަކަށެވެ. ޚާއްޞަކޮށް މިއަދު، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން މުޙައްމަދު އުމައިރު ވާހަކަ ދެކެވޭއިރު، ގިނަ ބަޔަކު ޔަގީންކަމާއެކު ވާހަކަ ދެއްކި ނަމަވެސް، ހަގީގީ ހެއްކާއެކު ވާހަކަދައްކަނީ ވަރަށް މަދު ބަޔެކެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުހައްދު ވަނީ 2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ޓީޓީ މުބާރާތްތަކުން އުމައިރު ހޯދި ކާމިޔާބީތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024
- 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް: ލޯ މެޑަލް
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024
- ފުރަތަމަ ޑިވިޜަން ފިރިހެން ސިންގަލްސް: ލޯ މެޑަލް
- 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް: ރިހި މެޑަލް
- 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް: ރަން މެޑަލް
- ފުރަތަމަ ޑިވިޜަން ފިރިހެން ޑަބަލްސް: ރިހި މެޑަލް
- 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް: ރިހި މެޑަލް
- 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް: ރަން މެޑަލް
- 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް: ރިހި މެޑަލް
30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024
- 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް: ރިހި މެޑަލް
- 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް: ރަން މެޑަލް
- 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް: ރަން މެޑަލް
- 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް: ރަން މެޑަލް
- 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް: ރިހި މެޑަލް
ޓޭބަލް ޓެނިސްގެ މައިދާނުން އުމައިރުގެ ނަން ފެންމަތިވުމާއެކު،ގިނަބަޔަކު ސުވާލު އުފެއްދީ އޭނާގެ ކުޅަދާނަކަމާ ބެހޭގޮތަކުން ނޫނެވެ. އޭނާގެ އާއިލާއާއި، ބައްޕަގެ މަގާމާ ގުޅުވައިގެންނެވެ. އުމައިރުގެ އަތުގައި އޮތް ރެކެޓަށްވުރެ ބޮޑަށް، މީހުންގެ ސަމާލުކަން ހުއްޓުނީ އޭނާގެ އާއިލީ ނަމަށެވެ. "އޭނާއަށް އެ ފުރުސަތު ލިބުނީ ބައްޕަގެ ނުފޫޒުން" ކަމަށް ބުނެ އަޑުފެތުރުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ކުޅިވަރުގެ މައިދާނުގައި ދޮގުނަހަދާނެ އެއްޗެއް އޮވެއެވެ. އެއީ "ސްކޯބޯޑު" އެވެ.
މެޑަލްތަކަކީ ނުފޫޒުން ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ އެތައް ގަޑިއިރެއްގެ ބުރަ ތަމްރީނާއި، ވަރުބަލިކަމާއި، ހިތްވަރުގެ ނަތީޖާއެވެ. އެއީ މެޗުތަކުގެ ކުރިން ކުރެވޭ އިހުސާސްތަކާއި، ބަލިވުމުން ލިބޭ ފިލާވަޅުތަކުން ހޯދާ ކާމިޔާބީއެވެ. އެއްވެސް މަގާމަކަށް ނުވަތަ ބާރަކަށް ފަސް ސެޓުގެ މެޗަކުން މޮޅެއް ހޯދައެއް ނުދެވޭނެއެވެ. އެކަން ކުރެވެނީ ހަމައެކަނި ހުނަރާއި މިންނެތް މަސައްކަތުންނެވެ.
އުމައިރުގެ ކާމިޔާބީގެ ރެކޯޑަށް ބަލާއިރު، ހަގީގަތް ވަރަށް ސާފެވެ. 2024 ވަނަ އަހަރުގެ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި އޭނާ ވަނީ 19 އަހަރުންދަށުގެ ބޯއިސް ޑަބަލްސްއިން ބްރޮންޒް މެޑަލް ހޯދާފައެވެ. މިއީ މުޅި ސަރަހައްދުގެ މޮޅު ކުޅުންތެރިންނާ ވާދަކޮށްގެން ހޯދި ކާމިޔާބީއެކެވެ. މީގެ އިތުރުން 62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ޑިވިޜަން 1 ގެ ފިރިހެން އިވެންޓްތަކުގައި ވާދަކޮށް، އޭނާއަށްވުރެ ދޮށީ، ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް ކުރިހޯދައި މެޑަލްތައް ވަނީ ކާމިޔާބުކޮށްފައެވެ. 15 އަަހަރުންދަށް އަދި 17 އަހަރުންދަށު ގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްއިން ރަން، ރިހި އަދި ލޯ މެޑަލް ހޯދާފައިވެއެވެ. 30 ވަނަ ޓީޓީއޭއެމް ޗެމްޕިއަންޝިޕްގައިވެސް އޭނާ ވަނީ ތަފާތު އުމުރުފުރާތަކުން ގިނަ މެޑަލްތަކެއް ހޯދައި، އޭނާގެ ހުނަރު ސާބިތުކޮށްދީފައެވެ.
އަސްލު މައްސަލައަކީ ކޮބާ؟
މައްސަލައަކީ އުމައިރުގެ ކުޅުމެއް ނޫނެވެ. އޭނާއަށް ފާޑުކިޔާ މީހުންނަށް ފެންނަނީ ހަމައެކަނި އޭނާގެ އާއިލީ ނަމެވެ. އޭނާ ތަމްރީނުވުމަށް ހޭދަކުރާ ބުރަ ވަގުތުތަކެއް އެ މީހުންނަކަށް ނުފެނެއެވެ. "ނެޕޮޓިޒަމް" ނުވަތަ ވަކި ފަރާތަކަށް ޖެހުން ކަމަށް ބުނެ ފާޑުކިޔުމަކީ، އޭނާއަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ގަބޫލުކުރުމަށްވުރެ ފަސޭހަ ކަމަކަށް ވާތީ ކުރާ ކަމެކެވެ.
އޭނާގެ އާއިލީ ނަމަކީ އޭނާ އިޚްތިޔާރު ކުރި އެއްޗެއް ނޫނެވެ. ނަމަވެސް ބުރަ ތަމްރީނާއި، މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ހޯދުމަކީ އޭނާގެ އަމިއްލަ އިޚްތިޔާރާއި ހިތްވަރެވެ. ކުޅިވަރުގެ މައިދާނުގައި ސްކޯބޯޑަކީ ދުވަހަކުވެސް ދޮގު ހަދާނެ އެއްޗެއް ނޫނެވެ.
އަޅުގަނޑުމެން އެންމެންވެސް އެދި ގޮވަނީ އިންސާފުވެރިކަމަށެވެ. ޒުވާނުންނަށް ހިތްވަރު ދޭން ބޭނުންވާނަމަ، ހަގީގީ އިންސާފަކީ އާއިލީ ގުޅުމަށް ބަލައި ގޮތް ނިންމުމުގެ ބަދަލުގައި، އަމަލީ މަސައްކަތާއި ހުނަރަށް ބަލައި ގޮތް ނިންމުމެވެ. އެހެންކަމުން، ދެން ފަހަރަކު އުމައިރުގެ ނަން އިވުމުން، އޭނާގެ ބައްޕައަކީ ކާކުތޯ ސުވާލު ކުރުމުގެ ބަދަލުގައި، އޭނާ އެ ކާމިޔާބީ ހޯދީ އަމިއްލަ ހިތްވަރުންތޯ ސުވާލުކޮށްލައްވާށެވެ. އޭގެ ސާފު ޖަވާބު ސްކޯބޯޑުން ފެންނަން އެބައޮތެވެ.
މިއީ އެންމެ މެޗަކުން ނުވަތަ ނަސީބަކުން ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ މެދުކެނޑުމެއް ނެތި ދައްކަމުންދާ ކުޅުމާއި، އަޚްލާގާއި، ހިތްވަރުގެ ނަތީޖާއެވެ. ނަމަވެސް އަތްތިލަބަޑީގެ ބަދަލުގައި އޭނާއަށް އަމާޒުވަނީ ޝައްކުގެ ނަޒަރެވެ. އެއީ އޭނާގެ ކުޅުމުގެ ސަބަބަކުން ނޫނެވެ. އޭނާގެ ނަމުގެ ސަބަބުންނެވެ.
ހަގީގަތަކީ ވަރަށް ސާދާ ކަމެކެވެ. އުމައިރު އޭނާގެ އާއިލީ ނަމެއް އިޚްތިޔާރެއް ނުކުރެއެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ ތަމްރީނުވުމަށެވެ. އޭނާ އިޚްތިޔާރުކުރީ ވާދަކުރުމަށެވެ. އަދި އޭނާ އިޚްތިޔާރުކުރީ ކުރިއެރުމަށެވެ. ކުޅިވަރުގެ މައިދާނުގައި މުހިންމީ އަމިއްލަ ފަރުދީ މަސައްކަތެވެ. އިންސާފަކީ ސުވާލުތަކަށް ފުރަގަސްދިނުމެއް ނޫނެވެ. އެއީ ހަގީގީ ހެކިތަކުން އެ ސުވާލުތަކަށް ޖަވާބު ދިނުމެވެ. އެ ހެކިތައް މިއަދު ފެންނަން އެހެރީ މެޑަލްތަކާއި ސްކޯބޯޑުތަކުންނެވެ.
އަޅުގަނޑުމެން ހަގީގަތުގައިވެސް ގާބިލިއްޔަތަށް އިސްކަންދޭނަމަ، ކުޅުންތެރިން މިނެކިރަންވާނީ އެކުޅުންތެރިއެއްގެ ހުނަރުންނެވެ. އާއިލީ ނަމަކުން ނޫނެވެ. ސަބަބަކީ ކުޅިވަރުގެ މައިދާނަކީ ތިބާއީ ކާކުކަން ބަލާ ތަނެއް ނޫނެވެ.