ރިޕޯޓް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ދަނީ ކުރިއަށް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ދަނީ ކުރިއަށް

ފޮޓޯ: ފަރުދުން

farudhun logo

ފަރުދުން

25 ނޮވެމްބަރު 2026، 11:00

25 ނޮވެމްބަރު 2026، 11:00

ސަރުކާރުގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ތުރާކުނުން ފެށިގެން އައްޑޫއާއި ހަމައަށް ރަށްރަށުގައި އުމްރާނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ޢަމަލީގޮތުން ހިނގަމުންދާކަން ފާހަގަކުރެވެއެވެ. ވަކި ރަށެއް ބާކީނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދުގައި ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާއިރު، ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭގެ އެކި ފިޔަވަހިތަކުގައި ފްލެޓް އެޅުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ވެސް ދަނީ ހިނގަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން، ރޯހައުސްތަކާއި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ.

ދަތުރުފަތުރާއި ވައިގެ ބަނދަރުތަކުގެ ދާއިރާއަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އައު ޕެސެންޖަރ ޓަރމިނަލްގެ ޚިދުމަތް ފެށުމާއެކު ވައިގެ ދަތުރުފަތުރުގެ ޤާބިލުކަން ވަނީ އިތުރުވެފައެވެ.

ޞިއްޙީ ދާއިރާ ލާމަރުކަޒުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، އާބާދީ ކުދި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ހަމައެއާއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަހު މަރުޙަލާގައި އޮތްއިރު، ރަށްރަށުގެ މަގުހެދުމާއި ސޯލާ ޕީވީ ނިޒާމުތައް މެދުވެރިކޮށް އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ވެސް ދަނީ ފުޅާކުރަމުންނެވެ.

މީގެ އިތުރުން ތަޢުލީމީ އަދި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވެސް ރަށްރަށުގައި ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އައު ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލްތައް ޢިމާރާތްކުރުމާއި، ކުތުބުޚާނާތައް ޤާއިމުކުރުމުގެ އިތުރުން ކުޅިވަރު އެރީނާތަކާއި ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުން ހިމެނެއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއި، ޒަކާތު ފަންޑު އިންވެސްޓްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ އުޞޫލުތައް އެކަށައެޅުމުގެ އިތުރުން ފަޤީރުންގެ ދަފުތަރު ޒަމާނީކުރުން ހިމެނެއެވެ. މި އިންޤިލާބީ ބަދަލުތަކަކީ ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމަށް ލިބުނު ބޮޑު ކުރިއެރުމަކަށް ވާއިރު، މީގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުވެ، ފަޤީރުކަން ނައްތާލުމަށާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ފެންވަރުގެ އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯނެއް ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢު ފެށުމަކީ ފާއިތުވި ތިން އަހަރު އެޅުނު މުހިންމު ބިންގަލެކެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ލުއި ލޯނު ސްކީމުތައް ތަޢާރަފުކޮށްފައިވާއިރު، ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހައިޑްރޯޕޯނިކްސް  އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ރަށްރަށުގައި ތަޢާރަފުކޮށް ފަހި މާކެޓެއް ވަނީ ހުޅުވާލަދީފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް މުހިންމު މަޝްރޫޢުތަކެއް ވަނީ ފައްޓަވާފައެވެ. އެގޮތުން ގްރޭޓާ މާލެ ސަރަޙައްދުގައި ޓެކްސީ ލިބުމުގެ ދަތިކަމާއި ޚިދުމަތުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް "މާލެ ޓެކްސީ ލައިން" ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަށްތައް ގުޅުވާލަދޭ "އާރްޓީއެލް" ފެރީގެ ވިއުގަ އިތުރު އަތޮޅުތަކަށް ފުޅާކޮށް، އަގުހެޔޮ އަދި ފަސޭހަކަމާއެކު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދޭނެ ނިޒާމެއް ދަނީ ބިނާކުރަމުންނެވެ.

އެހެންކަމުން، ސިޔާސީ ގޮތުން ކުރެވޭ ތުހުމަތުތަކާއި ދެކެވޭ ވާހަކަތަކާއި ހިލާފަށް، ފެންނަން އޮތް ޙަޤީޤަތަކީ މުޅި ރާއްޖޭގައި ޢަމަލީގޮތުން ހިނގަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެވެ. ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ޞިއްޙަތާއި ތަޢުލީމުގެ އިތުރުން އަސާސީ އެންމެހައި ޚިދުމަތްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނެ ވަރުގަދަ ބިންގަލެކެވެ. ވަކި ރަށެއް ބާކީނުކޮށް ގެންނަމުންދާ މި ފުރިހަމަ ބަދަލުތަކަކީ، ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދީ، ފާގަތި މުސްތަޤުބަލަކަށް ޤައުމު ގެންގޮސްދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

ސަރުކާރުން ހިންގަމުންދާ މި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450