ރިޕޯޓް

ހުވަފެނީ އާލަމަކުން ހަގީގަތަކަށް: ދެމެހެއްޓެނިވި ތަރައްގީއަށް ރައީސް މުއިއްޒުގެ މިސްރާބު

ހުވަފެނީ އާލަމަކުން ހަގީގަތަކަށް: ދެމެހެއްޓެނިވި ތަރައްގީއަށް ރައީސް މުއިއްޒުގެ މިސްރާބު

ހުވަފެނީ އާލަމަކުން ހަގީގަތަކަށް---

farudhun logo

ފަރުދުން

23 ނޮވެމްބަރު 2026، 03:10

23 ނޮވެމްބަރު 2026، 03:10

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސްމާލެ' މަޝްރޫއުގެ ދަށުން، މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ބާރު ދުވެލީގައި ކުރިއަށްގެންދަމުންނެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް ފަށައިދީ، ދިވެހިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ތާރީހީ މަޝްރޫއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ހުވަފެނީ އާލަމެއްގައި ކުރެހިފައިވާ މިފަދަ ބޮޑެތި ތަސައްވުރުތައް ލޮލަށް ފެންނަ ހަގީގަތަކަށް ބަދަލުކުރުމަކީ މިއަދުގެ ދިވެހި ސަރުކާރުގެ އަމާޒެވެ. 

ރައީސް ޑރ. މުއިއްޒު ދެމެހެއްޓެނިވި އަދި ފުރިހަމަ ގައުމީ ތަރައްގީ ހާސިލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވަނީ އިގްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުން ގާތުން ގުޅިލާމެހިފައިވާ ސިޔާސަތުތަކެއްގެ ތެރެއިން ކަމަށް ފެބްރުއަރީ 5 ގައި އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ކޮންމެ ކަމެއްގައިވެސް ވަގުތީ ފަރުވާއެއްގެ ބަދަލުގައި ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދެވުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅެވެ. އެމަނިކުފާނު ވިދާޅުވީ، އެއް ސަރުކާރުން ފަށާ މަޝްރޫއުތައް އަނެއް ސަރުކާރުން ހުއްޓާލުމުގެ ސަބަބުން ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންނަށް ލިބެންޖެހޭ މަންފާ ގެއްލި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް ދެމިގެންދާ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ރައްކާތެރިކަން ދިނުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މި ދުރު ރާސްތާ ދަތުރުގައި ތިމާވެށި ހިމާޔަތްކުރުމަކީވެސް ދޫކޮށްލެވެން ނެތް އަސާސެކެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ކުރިއަށްގެންދަނީ ތިމާވެއްޓަށް ގެއްލުން ނުވާނެހެން، ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފުރިހަމަކޮށްގެންނެވެ. ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 8 ލައްކައަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސޯލާ ހަކަތަ އުފައްދާ މިންވަރު ދެގުނަކޮށް 100 މެގަވޮޓްގެ ބޮޑު މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގައުމުގެ މާލީ ނިޒާމު ހަރުދަނާކުރުމަކީ ދެމެހެއްޓެނިވި ތަރައްގީގެ މައިގަނޑު ތަނބެވެ. ވާރުތަވެފައިވާ ދަރަނީގެ ބުރައިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ދިވެހި ސަރުކާރުން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދަމުންދާ ކަމަށާއި، ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް ތާރީހުގައިވެސް އެންމެ މަތީ އަދަދު ކަމަށްވާ 1.13 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރު މޫޑީސް އަދި ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިން އެއް ދަރަޖަ މަތިކޮށްފައިވާކަން ފާހަގަކުރައްވައި، އިގްތިސާދު ފުޅާކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރިން ތިލަފުށީގެ އާ ވިޔަފާރި ބަނދަރުގެ ހިދުމަތް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އުމްރާނީ ތަރައްގީއާއެކު ރައްޔިތުންގެ ފުދުންތެރިކަމާއި އިންސާނީ ގާބިލުކަން އިތުރުކުރުމަށްވެސް ހާއްސަ އިސްކަމެއް ދެވެއެވެ. ރައީސް ޑރ. މުއިއްޒު ހާމަކުރެއްވި ގޮތުގައި، މަސްވެރިންނަށް ފައިސާ ލިބުން ލަސްވުމުގެ މައްސަލަ ހައްލުކޮށް، މިހާތަނަށް 2.3 ބިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. ހަމައެއާއެކު، ނަތީޖާއިން މަސައްކަތް ވަޒަންކުރާ ސިޔާސަތުގެ ދަށުން، މަތީ ސާނަވީ ތައުލީމަށް ބަދަލުވާ ދަރިވަރުންގެ ނިސްބަތް 46 އިންސައްތައަށް އިތުރުވެފައިވާ ކަމަށާއި، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ފެށި ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ތަމްރީނު މިހާތަނަށް 1،028 ޒުވާނުން ފުރިހަމަކޮށްފައިވާ ކަމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމެއް ބިނާކުރުމަކީ ހަމައެކަނި ކޮންކްރީޓާއި ދަގަނޑުން ކުރެވޭ މަސައްކަތެއް ނޫނެވެ. ގައުމު ދެކެ ލޯބިވާ، ގައުމަށް ވަފާތެރި އަދި އިހުލާސްތެރިކަމާއެކު ހިދުމަތްކޮށް މައިންބަފައިން ފަހުރުވެރިވާ ފަދަ ޒުވާން ޖީލެއް ބިނާކުރުމަކީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާ އެއްވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450