ރިޕޯޓް
އަމިއްލަ ފަސްގަނޑުގައި ކުއްޔަށް އުޅުނު މަރިޔަމްގެ ހުވަފެން "ހިޔާވެހި" ފައިނޭންސިންގ އާއެކު ހަގީގަތަކަށް
ފުވަށްމުލަކުގައި މަރިޔަމް އަޅަ ގެ - ފޮޓޯ: މަރިޔަމް
ކޮންމެ އިންސާނެއްގެ ވެސް އެންމެ ބޮޑު ހުވަފެނަކީ އަނބިދަރިންނާ އެކު އަމާންކަމާއި ހިތްހަމަޖެހުމުގައި އުޅެލާނެ އަމިއްލަ ހިޔާވަހިކަން ލިބުމެވެ. އަމިއްލަ އުފަން ރަށުގައި ދިރިއުޅެމުންދާއިރު ވެސް، މަހުން މަހަށް ދައްކަންޖެހޭ ކުއްޔާއި، ކުއްޔަށް އުޅުމުގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކަކީ އެތައް އާއިލާއެއްގެ ދިރިއުޅުމުގެ ހަމަޖެހުން ނަގާލާ ކަމެކެވެ. ޏ. ފުވައްމުލަކަށް އުފަން މަރިޔަމްގެ ހަޔާތުގެ ވާހަކައަކީ ވެސް މިފަދަ އެތައް ވޭނަކުން ފުރިގެންވި، ނަމަވެސް މިއަދު ކާމިޔާބީގެ ފޮނިމީރުކަން ލިބިފައިވާ އުފާވެރި ވާހަކައެކެވެ.
މަރިޔަމްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ދަރިން ލިބި، އާއިލާ ގޮވައިގެން އަމިއްލަ ރަށުގައި ކުއްޔަށް އުޅެން ޖެހުމެވެ. މަހެއް ނިމި އަނެއް މަސް ފެށޭއިރު ކުލި ދެއްކުމުގެ ބުރައާއި، ދަރިންނަށްޓަކައި ދާއިމީ ހިޔާވަހިކަމެއް ނެތްކަމުގެ އިހުސާސަކީ އަބަދުވެސް މަރިޔަމްގެ ހިތް ކުދިކުދި ކުރުވި ކަމެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ ދުއާކުރަމުން ދިޔައީ އަމިއްލަ ގެއެއް އަޅައި ނިންމާލެވޭނެ މަގެއް ފަހިވުމަށެވެ. އެ އުއްމީދުގައި ދުވަސްތައް ގުނަމުން ދަނިކޮށް، ސަރުކާރުން "ހިޔާވެހި ފައިނޭންސިންގ ސްކީމް" ތަޢާރަފުކުރި ޚަބަރަކީ މަރިޔަމްގެ މާޔޫސްވެފައިވާ ހިތަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ.

ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ސަރުކާރުން ތަޢާރަފުކުރި މި ސްކީމަކީ، އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަކޮށްގެން އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް ދޫކުރާ "ރަށްވެހި" ސްކީމާއި، އާބަން ސެންޓަރުތަކަށް ޚާއްޞަ "ސަހަރު" އަދި މާލެ ސަރަހައްދަށް ޚާއްޞަ "ފަހިމާލެ" ސްކީމް ހިމެނޭހެން ފަރުމާކޮށްފައިވާ ވަރަށް ލުއި ސްކީމެކެވެ. އަހަރަކު އެންމެ 5 އިންސައްތައިގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި، އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތަކާއި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބިގެންދާ މި ސްކީމަކީ މަރިޔަމް ފަދަ އާދައިގެ އާއިލާތަކަށް ލިބުނު ރަން ފުރުސަތެކެވެ. ވަކިން ޚާއްޞަކޮށް، އިމާރާތްކުރާ ބިން ފިޔަވައި އިތުރު ރަހުނެއް ބަހައްޓަން ނުޖެހުމާއި ލުއި ޝަރުތުތަކަކީ މި ސްކީމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ބައެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގައި މަރިޔަމް ތަޖުރިބާކުރީ އާދަޔާ ޚިލާފު ފަސޭހަކަމެކެވެ. އެއްވެސް މީހެއްގެ ނުފޫޒެއް، އަދި އެއްވެސް ފަރާތަކަށް ގުޅައި އާދޭސްކުރަން ނުޖެހި، ހުރިހާ ކަމެއް ދިޔައީ އޮންލައިންކޮށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. އީފާސް މެދުވެރިކޮށް ޕޯޓަލަށް ވަދެ، މަރިޔަމް އަމިއްލައަށް ފޯމު ހުށަހެޅިއެވެ. އެއަށްފަހު، އެއްވެސް އޮފީހަކަށް ހިނގަން ނުޖެހި އަދި އެއްވެސް އިދާރާއަކަށް ނުގުޅި ނަމަވެސް، ސިސްޓަމުގެ ތެރެއިން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް 'ޑިއު ޑިލިޖެންސް' މަރުހަލާތައް ފުރިހަމަވެގެން ދިޔައެވެ. ދެފުށް ފެންނަ، އިންސާފުވެރި މި ނިޒާމުގެ ތެރެއިން ފައިނޭންސް ހަމަޖެހުނުކަމުގެ ޚަބަރު ލިބުނު ވަގުތަކީ މަރިޔަމްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތް ވަގުތެކެވެ.

ފައިސާ ހަމަޖެހުމާއެކު ގޭގެ މަސައްކަތް ހަލުވިކަމާއެކު ފެށުނެވެ. އެއީ ހަމައެކަނިގާބަރިއެއް ރާނައި، ސިމެންތި ޖެހުމުގެ މަސައްކަތެއް ނޫނެވެ. އެއީ މަރިޔަމްގެ އާއިލާގެ ދިގު މުއްދަތުގެ ހުވަފެންތަކުގައި ކުލަޖެއްސުމުގެ ބުރަ، އެހެން ނަމަވެސް ނުހަނު އުފާވެރި ދަތުރެކެވެ. ކޮންމެ ފިޔަވަޅެއް އެޅިގެން ދިޔައީ ދަރިންގެ މާދަމާގެ އުޖާލާ މުސްތަގުބަލަށްޓަކައެވެ. އިމާރާތުގެ މަސައްކަތްތައް އެއްކޮށް ނިމި، ފުރިހަމަވަމުން ދިޔަވަރަކަށް ހިތަށް ލިބެމުންދިޔަ ހިތްހަމަޖެހުން ބަޔާންކުރަން ވެސް ދައްޗެވެ.
މިއަދު މަރިޔަމްގެ ގެ އެއް އަހަރާ ދުވަސްކޮޅެއްތެރޭ އެޅި، ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އަމިއްލަ ގެއަށް ބަދަލުވުމަށް އާއިލާއިން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަމިއްލަ ފަސްގަނޑުގައި، ކުއްޔަށް އުޅެން ޖެހުނު އެތައް އަހަރެއްގެ ހިތްދަތި ދިރިއުޅުމަށް މިއަދު މިވަނީ އެއްކޮށް ނިމުން އައިސްފައެވެ.
"މިހާރު ހިތަށް ލިބޭ ހިތްހަމަޖެހުމާއި އުފާ ބަހުން ބަޔާންކުރަން ވެސް ނޭނގެ. ދަރިންނާއެކު އަމިއްލަ ފުރާޅެއްގެ ދަށުގައި އުޅެވޭނެ ކަމުގެ އިހުސާސަކީ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމެއް،"
މަރިޔަމް ބުންޏެވެ.
މަރިޔަމްގެ މި ވާހަކައަކީ ހަމައެކަނި އެންމެ އަންހެނެއްގެ ވާހަކައެއް ނޫނެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން އެކުލަވާލެވިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި، ޒަމާނީ ޕޯޓަލްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތަކުގެ ސަބަބުން އާދައިގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުގެ އަލިގަދަ ހެއްކެކެވެ. އަމިއްލަ އުފަން ރަށުގައި ކުއްޔަށް އުޅެން ޖެހިފައި ތިބި އެތައް ރައްޔިތުންނަކަށް "ހިޔާވެހި" ސްކީމަކީ ހަގީގީ ހައްލަކާއި އުއްމީދެއް ގެނެސްދިން ނިޢުމަތެކެވެ. ސަރުކާރުން މި ފަދަ ކަންކަން ކޮށްދެއްވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށެވެ.