ކުޅިވަރު

ޕްރެސިޑެންޓްސް ކަޕް: ސެމީގެ ފަހު ދެ ޖާގަ ބުރު ސްޕޯޓްސް އާއި އޮޑި ސްޕޯޓްސްއަށް

ޕްރެސިޑެންޓްސް ކަޕް: ސެމީގެ ފަހު ދެ ޖާގަ ބުރު ސްޕޯޓްސް އާއި އޮޑި ސްޕޯޓްސްއަށް

އީގަލްސް ކޮޅަށް ގޯލު ޖެހުމަށްފަހު އޮޑި ސްޕޯޓްސްގެ އައިހަމް (ކ) އަދި އަބްރާޙިމް ވަޙީދު (ވ) އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ފެބްރުއަރީ 2026، 10:05

17 ފެބްރުއަރީ 2026، 10:05

ޕްރެސިޑެންޓްސް ކަޕް ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. 

ސެމީފައިނަލްގެ ޖާގަ ބުރު ސްޕޯޓްސްއަށް ޔަޤީންވީ، ހޯމަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އާއި ވިކްޓަރީ ސްޕޯޓްސް ބައްދަލުކުރި މެޗު މާޒިޔާއިން 2-0އިން ކާމިޔާބުކުރުމުންނެވެ. 

އެ މެޗަށް ނިކުތްއިރު ވެސް މާޒިޔާއަށް ސެމީގެ ފުރުސަތު ބޮޑެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން މޮޅުވެފައިވުމުންނެވެ. 

ސެމީގެ ފުރުސަތު ހޯދުމަށް ވިކްޓަރީއިން ވަނީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ގޯލެއް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މާޒިޔާގެ ޑިފެންޑަރުންނާއި ކީޕަރު ހުސެއިން ޝަރީޕް ވަނީ އެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. 

މާޒިޔާގެ ގޯލުތައް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެގޮތުން ފުރަތަމަ ގޯލު ސްޕެއިނުގެ ފޯވާޑް، ސާޖިއޯ މެންޑީ ކާމިޔާބުކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ ހައިޝަމް ހަސަންއެވެ.

މުބާރާތުގެ ސެމީއިން އޮޑި ސްޕޯޓްސްއިން ޖާގަ ހޯދީ، ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރާ ކްލަބް އީގަލްސް 4-2އިން ބަލިކޮށްގެންނެވެ.

ޕްރެޒިޑެންޓްސް ކަޕް ޕްލޭއޮފްގައި 6-0އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހު ގްރޫޕް ސްތޭޖުން ޖާގަ ހޯދި އީގަލްސްއިން މެޗުގައި ލީޑު ނެގީ އިސްމާއީލް އީސާ (މެސީ) ކާމިޔާބުކުރި ގޯލުންނެވެ. 

ނަމަވެސް ފަހު ހާފުގައި އޮޑި ސްޕޯޓްއިން ވަނީ 4 ގޯލު ކާމިޔާބުކޮށް، ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ފަހަރަށް ސެމީ ޔަޤީންކޮށްފައެވެ. އޮޑި ސްޕޯޓްސްއިން ލީޑު ނެގީ އަޙުޒަމް ރަޝީދު ކާމިޔާބުކުރި ދެ ގޯލުންނެވެ. އަދި ފަހު ދެ ގޯލު މެޗުގެ ފަހު 3 މިނެޓުގެ ތެރޭގައި ކާމިޔާބުކުރީ އަޙުމަދު އައިހަމް އާއި އަޔާޒް އަޙުމަދެވެ. 

އިތުރު ވަގުތުގައި އީގަލްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާޙިމް މަޙުދީ ޙުސެއިންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި މި މަހުގެ 20ވަނަ ދުވަހުގެރޭ 10:00ގައި މާޒިޔާ އިން ކުޅޭނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ މެޗުގައި 21ވަނަ ދުވަހު ބުރު ސްޕޯޓްސް ކުޅޭނީ އޮޑި ސްޕޯޓްސްއާއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450