ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ސަނާއޭ ތަކައިޗީ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ތަޙުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--
ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް، ހަރ އެކްސެލެންސީ ސަނާޢޭ ތަކާއިޗީ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރަށް ތަޙުނިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް (ނޭޝަނަލް ޑައިޓް) އިން އެކަމަނާއަށް އަލުން އިތުބާރު އޮތްކަން ހާމަކޮށް އެކަމަނާ އިންތިޚާބުކުރެއްވުމަކީ، އެކަމަނާގެ ހަރުދަނާ ލީޑަރޝިޕަށާއި ޖަޕާނުގެ މުސްތަޤުބަލާމެދު ގެންގުޅުއްވާ ތަޞައްވުރަށް އޮތް ފުރިހަމަ އިތުބާރެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޖަޕާނު ސަރުކާރުން ދެއްވަމުންދާ ދީލަތި އެހީތެރިކަމަކީ ދިވެހި ރައްޔިތުން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމަ އެހެންމެ، ބޮޑުވަޒީރުގެ މި އައު ދައުރުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކާއި ކާމިޔާބީއަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަބަދުމެ ދެމިގެންވާ އަމާންކަމާއި، ކުރިއެރުމާއި، ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ.