ދުނިޔެ
ޔޫޓިއުބަށް އެންމެ ފުރަތަމަ އަޕްލޯޑްކުރި ވީޑިއޯ ލަންޑަނުގެ ދާރުލްއާސާރަކަށް!
ޔޫޓިއުބަށް އެންމެ ފުރަތަމަ އަޕްލޯޑްކުރި ވީޑިއޯ ފޮޓޯ: އިންޓަނެޓް
ޔޫޓިއުބްގެ ތާރީޚުގައި އެންމެ ފުރަތަމަ އަޕްލޯޑްކުރި ވީޑިއޯ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ މަޝްހޫރު 'ވިކްޓޯރިއާ އެންޑް އެލްބާޓް މިއުޒިއަމް' (ވީއޭ) ގެ މައުރަޒެއްގައި ހިމަނައިފިއެވެ.
މީގެ 20 އަހަރު ކުރިން، 23 އެޕްރީލް 2005 ގައި ޔޫޓިއުބަށް އަޕްލޯޑްކުރި މި ވީޑިއޯއަކީ އެ ކުންފުނީގެ އެއް ބާނީ ކަމަށްވާ ޖާވިދު ކަރީމް ސެން ޑިއޭގޯ ޒޫގައި ހުރެގެން ރެކޯޑްކޮށްފައިވާ 19 ސިކުންތުގެ ކްލިޕެކެވެ. "މީ އެޓް ދަ ޒޫ" ގެ ނަމުން ނަންދީފައިވާ މި ވީޑިއޯގައި އޭނާ ވާހަކަދައްކަނީ އެތްތަކާ ބެހޭގޮތުންނެވެ.
މިހާތަނަށް 320 މިލިއަނަށްވުރެ ގިނަ ފަހަރު ބަލާފައިވާ އަދި 18 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާ މި ތާރީޚީ ވީޑިއޯ ދާރުލްއާސާރުގައި ދައްކާލުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ދާރުލްއާސާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ވީޑިއޯ އަޕްލޯޑްކުރި ދުވަސްވަރު ޔޫޓިއުބް ވެބްސައިޓް ފެންނަން ހުރި ގޮތަށް އެ ޕޭޖު އަލުން ފަރުމާކުރުމަށް ފާއިތުވި 18 މަސްދުވަހު ވަނީ މަސައްކަތް ކޮށްފައެވެ.
މި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި ދާރުލްއާސާރުން ވަނީ ޔޫޓިއުބްގެ ޓީމާއި ޑިޒައިން ސްޓޫޑިއޯއަކާ ގުޅިގެން މަސައްކަތް ކޮށްފައެވެ. މިހާރު މި ވީޑިއޯއަކީ ދާރުލްއާސާރުގެ ޚާއްޞަ ބައެއްގައި އާންމުންނަށް ބަލާލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ދިިރިހުރި ތާރީޚީ ހަނދާނެކެވެ.