ކުޅިވަރު
ނިއު ރޭޑިއަންޓް ބަލިކުރުމަށްފަހު މާޒިޔާއިން ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި
މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ސިޑިބަރި
ޕްރެސިޑެންޓްސް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕެނަލްޓީއިން ބަލިކުރުމަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، މެޗުގެ ނަތީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާޒިޔާއިން ކުރި ހޯދީ 4-3އިންނެވެ.
މި މެޗަކީ 10 އަހަރަށްފަހު ޕްރެޒިޑެންޓްސް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. އެންމެ ފަހުން މި ދެ ޓީމު ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރީ، 2015ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައެވެ. އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުނު އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1އިންނެވެ.
ރޭގެ މެޗުގައި މާޒިޔާއިން ލީޑު ނެގީ މެޗުގެ 28ވަނަ މިނެޓުގައި އަޙުމަދު އައިހަމް ކާމިޔާބުކުރި ގޯލުންނެވެ. އެއީ ވާތް ފަރާތުން ނިއު ރޭޑިއަންޓުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނާއިޒް ޙަސަން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން، މުޙައްމަދު އިލާން އިމްރާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އައިހަމް ކާމިޔާބުކުރި ގޯލެކެވެ.
އައިހަމް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
ނިއު ރޭޑިއަންޓުން ވަނީ އެ ޓީމުގެ އެޓޭކުތައް ރަނގަޅު ކުރުމަށް ދެވަނަ ހާފު ފެށުނުއިރު، ޓީމުގެ ކެޕްޓަން ޢަލީ ފާސިރު ކުޅެން ނެރެފައެވެ. އަދި އެ ޓީމުން މެޗުގެ ތެރެއަށް ވަނުމަށް ކުރަމުން ދިޔަ މަސައްކަތަށް ހިތްވަރެއް ލިބުނީ ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި އަލްހާޖީ ގެރޯ ކާމިޔާބު ކުރި ގޯލުންނެވެ.
ނިއު ރޭޑިއަންޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 61ވަނަ މިނެޓުގައި މޫސާ ޔާމީންގެ ބަދަލުގައި ކުޅެން ނިކުތް ޢަލީ އަޝްފާގުއެވެ. ކުޅެން ނިކުތްތާ ހަވަނަ މިނެޓުގެ ތެރޭގައި އަޝްފާގު ކާމިޔާބުކުރި މި ގޯލަކީ ފާސިރުގެ ދައުރު ބޮޑު ގޯލެކެވެ. މާޒިޔާގެ ކުޅުންތެރިން ފަހަތުން ފެށި ބޯޅައެއް ހޯދައި ވާތް ފަރާތުން މާޒިޔާގެ ގޯލު އޭރިއާގެ ރޮނގު މައްޗަށް ހުރަސްކޮށްދިން ބޯޅަ އަޝްފާގު ފޮނުވާލީ ގޯލުގެ މަތީ ދާގަނޑަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ނިއު ރޭޑިއަންޓުގެ އަބްދުލައި ބިލިޓީ އާއި އަޝްފާގު ފޮނުވާލި ޕެނަލްޓީ ވަނީ މާޒިޔާގެ ގޯލުކީޕަރު ޙުސެއިން ޝަރީފް ދިފާއުކޮށްފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅޭނީ މިރެއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ 10:00ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ.