ކުޅިވަރު
ކުރީގެ ގިނަ ކުޅުންތެރިންތަކަކާއެކު އެފްއޭއެމް ވެޓްރެންސް ކަޕް ފަށައިފި
ޑަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުގެ އަލީ އުމަރު ބޯޅަ ހިފައިގެން / ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ އެންމެ އުހުގައި ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެ އެފްއޭއެމް ވެޓްރެންސް ކަޕް 2026 ހުކުރު ދުވަހު ފަށައިފިއެވެ.
ކޮންމެ ރޯދަމަހަކު އެފްއޭއެމްއިން ބާއްވަމުން އަންނަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޑަ ގްރާންޑޭއެވެ. އެ މެޗު 2-0އިން ކާމިޔާބުކުރީ ނިއު ރޭޑިއަންޓެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަޙުމަދު ނިޔާޒު އާއި އަލީ އުމަރެވެ. ނިއު ރޭޑިއަންޓުން ފެނުނު ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންނަށް ބަލާލާއިރު، އާފިއު މުޙައްމަދު ޙާމިދު އާއި އަޙުމަދު މުޙައްމަދު (އައްމަޑޭ)ގެ އިތުރުން ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކުރި މުޚްތާރު ނަސީރު (ޓޫކިލޯ) އާއި އަޙުމަދު އަޝްފާންގެ އަދި މުޙައްމަދު ސިފާން (ކުޑައްޓޭ) ހިމެނެއެވެ.
މާލޭގެ މާފަންނު ޓާރފް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި މިއަދު ބައްދަލުކުރާނީ މުއިވެޔޮ ފްރެންޑްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. މި މެޗު ފަށާނީ 16:30ގައެވެ.
މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މި ޓީމުތައް ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ. އަދި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.
މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16ވަނަ ދުވަހެވެ.