ދުނިޔެ
ޣައްޒާއަށް ސިފައިން ފޮނުވުމަށް އިންޑޮނޭޝިޔާއާއި މޮރޮކޯ ހިމެނޭހެން 5 ގައުމަކުން އެއްބަސްވެއްޖެ
ބޯޑް އޮފް ޕީސްގެ ބައްދަލުވުމެއްގެ ތެރެއިން
ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެކުލަވާލާ ބައިނަލްއަގުވާމީ ފޯސް (އައި.އެސް.އެފް) ގެ ދަށުން ސިފައިން ފޮނުވުމަށް އިންޑޮނޭޝިޔާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާއިން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ 'ބޯޑް އޮފް ޕީސް' ގެ ބައްދަލުވުމެއްގައި، އެ ފޯސްގެ ކޮމާންޑަރަކަށް އައްޔަންކުރައްވާފައިވާ ޖެނެރަލް ޖެސްޕާ ޖެފާސްއެވެ.
ވޮޝިންގްޓަންގައި ބޭއްވި މި ބައްދަލުވުމުގައި ޖެނެރަލް ޖެފާސް ވިދާޅުވީ، އިންޑޮނޭޝިޔާއިން މި މިޝަންގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމާ ހަވާލުވުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވީ، ޣައްޒާގެ ސުލްހަ ގާއިމުކުރުމަށްޓަކައި 8,000 އާ ހަމައަށް ސިފައިން ފޮނުވުމަށް އެގައުމުން ތައްޔާރަށް އޮތް ކަމަށެވެ.
މީގެ އިތުރުން ކަޒަކިސްތާނުން މެޑިކަލް ޔުނިޓްތަކާއެކު ސިފައިން ފޮނުވުމަށް ނިންމާފައިވާއިރު، މޮރޮކޯއިން ވަނީ ފުލުހުން ފޮނުވުމަށް އެއްބަސްވެފައެވެ. އަދި މިސްރާއި އުރުދުންއިން ވަނީ ފަލަސްތީނުގެ ފުލުހުން ތަމްރީނުކުރުމުގައި އެހީތެރިވުމަށް ނިންމާފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ސިފައިން ޣައްޒާގައި އެއްވެސް ކަހަލަ ހަނގުރާމަވެރި އޮޕަރޭޝަނެއްގައި ބައިވެރިނުވާނެ ކަމަށެވެ. އެގައުމުގެ މައިގަނޑު އަމާޒަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އާންމުން ރައްކާތެރިކުރުމާއި، އަދި ފަލަސްތީނުގެ ފުލުހުންގެ ގާބިލުކަން އިތުރުކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، އެމްނެސްޓީ އިންޓަނޭޝަނަލް އިންޑޮނޭޝިޔާގެ ފަރާތުން އުސްމާން ހާމިދު ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިފަދަ މެކޭނިޒަމެއްގެ ތެރެއިން ސިފައިން ފޮނުވުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި، މިއީ އިޒްރާއީލުން ހިންގާ އުދުވާންތަކަށް ބާރު ލިބިދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.