ކުޅިވަރު

ޕްރެސިޑެންޓްސް ކަޕް: ބުރު ބަލިކޮށް، އޮޑިން މުޅިން އަލަށް ފައިނަލުން ޖާގަ ހޯދައިފި

ޕްރެސިޑެންޓްސް ކަޕް: ބުރު ބަލިކޮށް، އޮޑިން މުޅިން އަލަށް ފައިނަލުން ޖާގަ ހޯދައިފި

އޮޑީގެ އަހުޒަމް ރަޝީދު ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ފެބްރުއަރީ 2026، 10:59

22 ފެބްރުއަރީ 2026، 10:59

ޕްރެސިޑެންޓްސް ކަޕްގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އޮޑި ސްޕޯޓްސް ކްލަބުން މުޅިން އަލަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އޮޑިން ފައިނަލުގެ ޖާގަ ހޯދީ 2-0އިން ބުރު ބަލިކުރުމަށްފަހުއެވެ. މިއީ މިދިޔަ އަހަރު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވިފަހުން ކުޅޭ ދެވަނަ ފައިނަލެވެ. އެންމެ ފުރަތަމަ އެ ޓީމު ކުޅުނީ އެފްއޭއެމް ލީގު ކަޕުގެ ފައިނަލެވެ.

ފައިނަލަށް ދަތުރުކުރިއިރު އޮޑިއަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ، އަނެއްކޮޅުން ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތުމެވެ. މާޒިޔާއިން ލީގު ކަޕުގެ ފައިނަލުގައި އޮޑި ބަލިކޮށްފައިވާއިރު، ދިވެހި ޕްރިމިއަރ ލީގުގައި ވެސް އޮޑިއަށް އޮންނަން ޖެހުނީ މާޒިޔާގެ ފަހަތުގައެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ އޮޑިންނެވެ. އެގޮތުން އެ ޓީމުގެ އަހުޒަމް ރަޝީދު އާއި ބިދޭސީ ފޯވާޑް، ކިއާނޫ މާޝް-ބްރައުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ބުރުގެ ގޯލާ އަމާޒުކޮށްފައެވެ.

އޮޑިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައެވެ. އެއީ އޮޑީގެ ކަނާތް ފަރާތުން ފަހަތަށް ކުޅޭ އަޙުމަދު އައިހަމް ބުރުގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޑައިވްކޮށްފައި ބޮލުން  ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޮޑީގެ މިސްރު ޑިފެންޑަރު، އިސްލާމް ފެކްރީ ކާމިޔާބުކުރި ގޯލެކެވެ. 

އޮޑިން ލީޑު ފުޅާކުރީ އޭގެ އެގާރަ މިނެޓުފަހުން އަޙުޒަމް ރަޝީދު ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އޭގެ ފަހުން މެޗުގެ 73 ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން އައިހަމް ފޮނުވާލި ބާރު ހަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އެއަށްފަހު ވެސް އޮޑިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އަދި ޖަވާބުގައި ބުރުން ވެސް އޮޑީގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން މުޙައްމަދު ނާއިމް ބޮލުން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ނާކާމިޔާބުވިއިރު، އަބްދުالله ޔާމީން (ޔާނު) ފޮނުވާލި ހިލޭޖެހުން ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ދިފާއުކޮށްފައެވެ. 

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ އާއި އޮޑި ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450