ދުނިޔެ

މެކްސިކޯގެ ނުރައްކާތެރި ޑްރަގް ކާޓެލްގެ ލީޑަރު 'އެލް މެންޗޯ' މަރާލުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި

މެކްސިކޯގެ ނުރައްކާތެރި ޑްރަގް ކާޓެލްގެ ލީޑަރު 'އެލް މެންޗޯ' މަރާލުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި

މެކްސިކޯގެ މަގުތަކުގައި ހަމަނުޖެހުން ހިންގާތީ ސިފައިން ފޯރިމަރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ފެބްރުއަރީ 2026، 11:38

23 ފެބްރުއަރީ 2026، 11:38

މެކްސިކޯގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި އެއް ޖިނާއީ ޖަމާއަތުގެ ލީޑަރު، ނެމެސިއޯ ރޫބެން އޮސެގުއޭރާ ސަރްވާންޓޭސް (އެލް މެންޗޯ) އެ ގައުމުގެ ސަލާމަތީ ބާރުތަކުން މަރާލުމާ ގުޅިގެން، މެކްސިކޯގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެށިއްޖެއެވެ.

 މެކްސިކޯގެ ސެކްރެޓޭރިއަޓް އޮފް ނޭޝަނަލް ޑިފެންސް އިން ބުނި ގޮތުގައި، އެމެރިކާ އިން 15 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ 'އެލް މެންޗޯ' މަރުވީ ޖަލިސްކޯ ސްޓޭޓްގެ ތަޕަލްޕާގައި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މެކްސިކޯ ސިޓީއަށް ވައިގެ މަގުން ގެންދަނިކޮށެވެ.

މި އޮޕަރޭޝަނާ ގުޅިގެން ހަތިޔާރު އެޅި ގުރޫޕުތަކުން ވަނީ ޖަލިސްކޯ، ކޮލީމާ، މިޗޯއަކަން އަދި ގުއާނަހުއާޓޯ ހިމެނޭހެން ހަ ސްޓޭޓެއްގައި އުޅަނދުތަކުގައި ރޯކޮށް، ހައިވޭތައް ބަންދުކޮށްފައެވެ. ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވާ ގުއަޑަލަހާރާ ސިޓީ ވަނީ ހަމަނުޖެހުންތަކުގެ ސަބަބުން ފަޅުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއާޕޯޓުތަކުގައި މީހުން ބިރުން ދުވެ ހަދާއިރު، ފަތުރުވެރިކަމަށް މަޝްހޫރު ޕުއެރްޓޯ ވަޔާޓާ ސިޓީގެ މަތިން ބޯ ދުންތައް އަރަމުންދެއެވެ.

ޖަލިސްކޯގެ ގަވަރުނަރު ޕަބްލޯ ލެމޫސް ވަނީ ރައްޔިތުން ގޭގައި ތިބުމަށް އިރުޝާދު ދެއްވައި، އާންމު ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައެވެ. އަދި ބައެއް ސްޓޭޓްތަކުގައި ހޯމަ ދުވަހު ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތަށް ތައުރީފު ކުރައްވައި، ހުރިހާ ސްޓޭޓްތަކަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އުމުރުން 59 އަހަރުގެ އޮސެގުއޭރާ އަކީ މެކްސިކޯގެ މަޝްހޫރު 'އެލް ޗަޕޯ' އާއި އިސްމާއިލް ޒަމްބާޑާ އަށް ފަހު އަތުލައިގަނެވުނު އެންމެ ބޮޑު ޑްރަގް ލޯޑެވެ. މެކްސިކޯގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދިން މައުލޫމާތުގެ އެހީގައެވެ. މި ކުރިމަތިލުމުގައި އޮސެގުއޭރާގެ 'ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް' (CJNG) އަށް ނިސްބަތްވާ ހަ މީހަކު މަރުވެ، ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކްރިސްޓޮފާ ލަންޑައު ވަނީ މިއީ މެކްސިކޯ އާއި މުޅި ދުނިޔެއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް، މަސްލަހަތު ގޯސްވަމުންދާތީ އެމެރިކާ އާއި ކެނެޑާ އިން ވަނީ އެ ގައުމުގެ ރައްޔިތުން މެކްސިކޯގެ ބައެއް ސަރަހައްދުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިންޒާރު ދީފައެވެ. އެއާ ކެނެޑާ އިން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޕުއެރްޓޯ ވަޔާޓާ އަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450