ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނަށް ތަޙުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު، ސުލްޠާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި، އުޚުވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާކުރެވިފައިވާ، ޒަމާންވީ، އުޚުވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދުގައިވާ ދުވަސްވީ ރަޙުމަތްތެރިކަން ބަދަހިވަމުންދާނޭކަން ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދެ ޤައުމުން މަޞްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން، ގާތުން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެފަދަ މަސައްކަތްތަކަކީ ދެ ޤައުމަށް ވެސް ފައިދާކުރާނޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ، ބްރޫނާއީގެ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ އުޚުވަތްތެރި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ދެމިގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.