Ads by PNC

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ޤައުމީ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ޤައުމީ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ސަފީރާއެކު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ފެބްރުއަރީ 2026، 11:18

23 ފެބްރުއަރީ 2026، 11:18

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އެމްޕެރަރ ހިޒް މެޖެސްޓީ ނަރުހީޓޯއަށާއި، ބޮޑުވަޒީރު ހަރ އެކްސެލެންސީ ސަނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.

އެމްޕެރަރ ނަރުހީޓޯއަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ފާއިތުވި ފަންސާހަށްވުރެ ގިނަ އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން، އިތުބާރު ހުރި ވަރުގަދަ ބައިވެރިވުމަކަށް ބަދަލުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ޙިއްޞާއެއްވާ ތެދުވެރި އެކުވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ކުރިއެރުމަށްޓަކައި އައު ފުރުޞަތުތަކެއް ފަހިކުރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑުވަޒީރު ސަނޭ ތަކައިޗީއަށް ފޮނުއްވި މެސެޖުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި، އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ވެދެމުންދާ އަގުނުކުރެވޭފަދަ އެހީތެރިކަން ފާހަގަކުރައްވައި، މި އެކުވެރިކަމަކީ ދެ ޤައުމުގެ ދޭދޭ ގުޅުމުގެ ވަރުގަދަ ތަނބެއްގެ ގޮތުގައި ދެމިއޮންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އައު އުސްމިންތަކަކަށް ގެންގޮސް، ދެ ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ، ޖަޕާނުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދާއިމީ ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ޖަޕާނުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450