ޚަބަރު
ޔޫއޭއީން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝައިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އަލްޝަމްސީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ޔޫއޭއީގެ ސަރުކާރާއެކު އޮތް ގާތް ގުޅުން ދެމެހެއްޓެވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ކުރިއަށް އޮތް މަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަފީރުގެ ވާހަކަފުޅުގައި، މިހާރުގެ ސަރުކާރުން ރާއްޖެއަށް ގެންނަވަމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްޤީއަށް ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ތަކުރާރު ކުރައްވަމުންނެވެ.