ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް: މޮޅު ކުޅުންތެރިޔާ، ޒުވާން އަޙްޒަމްގެ ނަންބަރުތަކުން ވެސް ކިޔާދެނީ އޭނާގެ ހުނަރު

ޕްރެޒިޑެންޓްސް ކަޕް: މޮޅު ކުޅުންތެރިޔާ، ޒުވާން އަޙްޒަމްގެ ނަންބަރުތަކުން ވެސް ކިޔާދެނީ އޭނާގެ ހުނަރު

މޯލު ކުޅުންތެރިޔާގެ އެވޯޑު އަޙްޒަމްއާ ހަވާލުކުރަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ފެބްރުއަރީ 2026، 12:24

25 ފެބްރުއަރީ 2026، 12:24

ރާއްޖޭގައި ކުޅޭ އެންމެ ގިނަ ދުވަސްވީ މުބާރާތް ކަމުގައިވާ ޕްރެޒިޑެންޓްސް ކަޕްގެ ތާރީޙުގައި އަންގާރަ ދުވަހުގެރޭ މުޅިން އައު ޞަފްޙާއެއް، ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި އޮޑި ސްޕޯޓްސް ކްލަބުން ލިޔުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދައި، އުމުރުން 18 އަހަރުގެ އަޙްޒަމް ރަޝީދުގެ ނަމަކީ ވެސް މުބާރާތަށް ދެން އައު ނަމަކަށް ނުވާނެއެވެ. ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ތައްޓަށް އޮޑި ސްޕޯޓްސްއިން ކުރި ދަތުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އޭނާއެވެ. 

މިއީ، ހއ. ދިއްދޫއަށް އުފަން އަޙްޒަމް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ސީޒަން ކަމުގައި ވިޔަސް، އޭނާއަކީ މިދިޔަ އަހަރު އޮތް ގޯލްޑް ކަޕްގައި ގިނަބައެއްގެ ލޮލުގައި އަޅައިގަތް ހުނަރުވެރި ފޯވާޑެކެވެ. އަދި އޭނާ ވަނީ މީގެކުރިން 2024 ވަނަ އަހަރު ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެ، މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ، ދިވެހި ފުޓުބޯޅައިގައި މިހާރު ރަސްކަން ކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1އިން އެވަރުވެފައެވެ. އަދި ޕެނަލްޓީގައި އޮޑިން ކުރި ހޯދީ 5-4އިންނެވެ. 

ނަންބަރުތަކަށް ބަލާއިރު، އޮޑީގެ މި ކާމިޔާބީގެ އެންމެ މުހިންމު ބައިވެރިއަކީ ހަމަ އަޙްޒަމްއެވެ. މުބާރާތުގެ ފައިނަލާ ހިސާބަށް އޮޑިން ޖުމްލަ 8 ގޯލު ކާމިޔާބުކޮށްފައިވާއިރު، އަޙްޒަމް ވަނީ 6 ގޯލުގައި ޝާމިލުވެފައެވެ. އޭގެ ތެރެއިން 3 ގޯލަކީ އޭނާ ކާމިޔާބުކުރި 3 ގޯލެވެ.

ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 1-1އިން އެއްވަރުވި މެޗުގައި އޮޑީގެ ގޯލަކީ ނިއުރޭޑިއަންޓު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެއް ނަމަވެސް، އޮޑީގެ ފަހަތުން ކުޅުން ބޯޅަ އެޓޭކަށް ބަދަލުކޮށް، އެ ފުރުސަތު ތަނަވަސް ވެގެންދިޔައީ، މުޒްދާން ހަސަންއަށް އަޙްޒަމް ކުޅުނު މޮޅު ބޯޅައަކުންނެވެ.  

އަދި ދެވަނަ މެޗުގައި 4-2އިން އީގަލްސްގެ މައްޗަށް އޮޑިން ކުރި ހޯދިއިރު، އަޙްޒަމް ވަނީ ދެ ގޯލު ޖަހައި 1 ގޯލަށް އެސިސްޓުކޮށްދީފައެވެ.

މީގެ އިތުރުން ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކޮޅަށް ކާމިޔާބުކުރި ދެ ގޯލުގެ ތެރެއިން 1 ގޯލަކީ އަޙްޒަމް ކާމިޔާބުކުރި ގޯލެކެވެ. އަދި ފައިނަލް މެޗުގައި ނަތީޖާ ހަމަހަމަކުރި ގޯލަށް އެސިސްޓްކޮށްދިނީ ވެސް އޭނާއެވެ. 

މިއާއެކު، އޭނާ ވަނީ ފައިނަލް މެޗު ފިޔަވާ އޮޑިން ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައެވެ.

އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް އަޙްޒަމްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450