ޚަބަރު
ލާމަރުކަޒީ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ވުޒާރާ
ލާމަރުކަޒީ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިޠާބެއްގައެވެ. މި ޚިޠާބުގައި، އެމަނިކުފާނު ވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް، ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމުގެ ޢަޒުމު އައުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖިއޮގްރަފީ ގޮތުން ބަލާއިރު، ރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމަށެވެ. އަދި ވޭތުވެދިޔަ ޒަމާންތަކުގައި ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު އެކަން ފެންނަން އެބައޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެފައިވާކަމަށެވެ.
މި ވޭތުވި ދެ އަހަރުދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައި.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯއްދަވާފައިވާ ކަމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައްފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން ވިދާޅުވީ، މޯލްޑިވްސް 2.0 ގެ އަމާޒުތައް ޙާޞިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމަށެވެ.