ދުނިޔެ

އީރާނުގެ ޑްރޯން ހަމަލާތަކެއްގައި ބަހްރޭނުގެ ފެން އުފައްދާ ކާރުޚާނާއަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ

އީރާނުގެ ޑްރޯން ހަމަލާތަކެއްގައި ބަހްރޭނުގެ ފެން އުފައްދާ ކާރުޚާނާއަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ

ބަހްރެއިންއަށް ހަމަލާދިނުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 10:17

08 މާރިޗު 2026، 10:17

ހުލާސާ


އީރާނުން ބަހްރޭނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ތެރެއިން، އާދީއްތަ ދުވަހުގެ ހެނދުނު ދިން ޑްރޯން ހަމަލާއެއްގައި އެ ގައުމުގެ ފެން އުފައްދާ ކާރުޚާނާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތިން މީހަކު ޒަޚަމްވެއްޖެ ކަމަށް ބަހްރޭނުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ހަމަލާއަކީ ގަލްފުގެ އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް އީރާނުން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގެ ބައެއް ކަމަށް ބަހްރޭނުން ބުނެއެވެ.

ބަހްރޭނުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ޑްރޯން ހަމަލާ އަމާޒުވީ ކަނޑުފެން މީރުފެނަށް ބަދަލުކުރާ ކާރުޚާނާއަކަށް ކަމަށެވެ. "އީރާނުގެ އުދުވާނީ ހަމަލާތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބެލުމެއްނެތި ބޮން އަޅަމުންދާއިރު، ޑްރޯން ހަމަލާއެއްގެ ސަބަބުން ފެން އުފައްދާ ކާރުޚާނާއަކަށް ވަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައި،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، މިފަދަ ހަމަލާތަކުގެ ބިންގާ އެޅީ އެމެރިކާއިން ކަމަށެވެ. އެމެރިކާއިން އީރާނުގެ ގޭޝްމް އައިލެންޑްގައި ހުންނަ ފެން އުފައްދާ ކާރުޚާނާއަކަށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ސަބަބުން 30 އަވަށަކުން ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ބަހްރޭނުގެ އިތުރުން ކުވެއިތަށް ވެސް އީރާނުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. ކުވެއިތުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް، ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ފިއުލް ޓޭންކުތަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަހްރޭނުގެ އުތުރު ސަރަހައްދުގައި ހުންނަ ޔުނިވާސިޓީ އިމާރާތަކަށް ވެސް އީރާނުގެ މިސައިލް އެތިކޮޅުތައް ވެއްޓި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މުހައްރަގު ސަރަހައްދުގައި ސައިރަން އަޅުވައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް ވަނީ އަންގާފައެވެ. މި ހަމަލާތަކުގެ ތެރޭގައި ކުވެއިތުގެ ދާޚިލީ ވުޒާރާގެ ދެ އޮފިސަރަކު ޑިއުޓީގައި އުޅެނިކޮށް މަރުވެފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު އިންޒާރު ދެއްވި ގޮތުގައި، އަވަށްޓެރި ގައުމުތަކުގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާދޭނަމަ، އެ ގައުމުތަކަށް ރައްދު ހަމަލާ ދޭން އީރާނަށް މަޖުބޫރުވާނެއެވެ. މީގެ ކުރިން ހޮނިހިރު ދުވަހު އޭނާ ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އަވަށްޓެރި ގައުމުތަކަށް ދެވުނު ހަމަލާތަކަށް މާފަށް އެދިވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450