ދުނިޔެ

އިމްރާން ޚާންގެ ދެ ކޮއްކޯފުޅު ޖަލުން ދޫކޮށްލައިފި

އިމްރާން ޚާންގެ ދެ ކޮއްކޯފުޅު ޖަލުން ދޫކޮށްލައިފި

އިމްރާން ޚާންގެ ދެ ކޮއްކޯފުޅު ކަމަށްވާ ޑރ. އުޒްމާ ޚާން އަދި ނޫރީން ނިޔާޒީ ޚާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2026، 04:02

13 ނޮވެމްބަރު 2026، 04:02

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ ކޮއްކޯފުޅު ކަމަށްވާ ޑރ. އުޒްމާ ޚާން އަދި ނޫރީން ނިޔާޒީ ޚާން ގާތްގަނޑަކަށް ދެ މަސް ދުވަހަށް ފަހު ޖަލުން ދޫކޮށްލައިފިއެވެ.

މި ދެ ބޭފުޅުން ޖަލުން ދޫކޮށްލާފައިވާކަން އެ ބޭފުޅުންގެ ވަކީލު އަދި އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ވަކީލު މުދައްސިރު އުމަރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހާމަކުރެއްވި ގޮތުގައި، ޑރ. އުޒްމާ އަދި ނޫރީން ނިޔާޒީ ޖަލުން ދޫކޮށްލުމާ ގުޅިގެން މިހާރު ވަނީ ސަލާމަތްތެރިކަމާއެކު ގެއަށް ވަޑައިގެންފައެވެ. މި ދެ ބޭފުޅުން ބަންދުގައި ބައިތިއްބާފައި ތިބީ ލާހޯރުގެ ކޮޓް ލަކްޕަތު ޖަލުގައެވެ. ނަމަވެސް، އެ ބޭފުޅުންނާއެކު އެއް ދުވަހެއްގައި ހައްޔަރުކުރި އިމްރާން ޚާންގެ ތިންވަނަ ކޮއްކޯފުޅު އަލީމާ ޚާން އަދިވެސް ހުންނެވީ ޖަލު ބަންދުގައެވެ.

ޕީޓީއައިގެ ލީޑަރު ޒުލްފިޤާރު ބުޚާރީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އަލީމާ ޚާން އަދިވެސް ހުންނެވީ ބަންދުގައި ކަމަށާއި، ދެ ބޭފުޅަކު ދޫކޮށްލި ނަމަވެސް އިމްރާން ޚާންގެ އާއިލާއަށް ދެމުންދާ އަނިޔާތަކާއި ބޭއިންސާފު ނިމުމަކަށް ނާންނަ ކަމަށެވެ. އަދި އެ ޕާޓީގެ އެދުމަކީ ވަކިވަކި ބޭފުޅުންނަށް ލުއިދިނުމުގެ ބަދަލުގައި، ސިޔާސީ ގޮތުން ދެމުންދާ ފިއްތުންތައް އެއްކޮށް ހުއްޓާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އުޒްމާ ޚާންގެ ދަރިކަލުން ވަލީ ޚާން ވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތި 53 ދުވަސް ވަންދެން މަންމަ ބަންދުގައި ބެހެއްޓި ސަބަބު ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

މި ބޭފުޅުން ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ބަންދުކުރީ، އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލައި މިދިޔަ ސެޕްޓެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހުނު މުޒާހަރާގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ އެ ބޭފުޅުން ހައްޔަރުކުރީ އިސްލާމްއާބާދަށް ކުރަން އުޅުނު މުޒާހަރާއާ ގުޅިގެން ޤާނޫނާއި ޤަވާޢިދު ދެމެހެއްޓުމަށް ހުރަސްއެޅިދާނެ ކަމަށް ބަލައިގެން ކަމަށެވެ.

އުމުރުން 74 އަހަރުގެ އިމްރާން ޚާން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވިއިރު، އެމަނިކުފާނުގެ މައްޗަށް ސާބިތުވި ގިނަ ކުށްތައް މިހާރު ވަނީ އިސްތިއުނާފުގެ މަރުހަލާގައި ބާތިލުކޮށް ނުވަތަ ސަސްޕެންޑްކޮށްފައެވެ. އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުމަށް ކުރިމަތިވެފައިވާ މައްސަލައަކަށް ފަރުވާ ހޯދުމަށް އިސްލާމްއާބާދުގެ ހޮސްޕިޓަލަކަށް ގެންދިޔަތާ އަނެއް ދުވަހު މި ދެ ކޮއްކޯފުޅު ދޫކޮށްލާފައިވާއިރު، އިމްރާން ޚާންގެ ސިއްޙީ ހާލަތާމެދު ޕީޓީއައިއިން އަންނަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450