ދުނިޔެ
ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގެ އައިސީޔޫއަށް އިސްރާއީލުން ބޮންއަޅައި ޑޮކްޓަރަކާއެކު 6 މީހުން ޝަހީދުކޮށްލައިފި
ޣައްޒާގެ ނާޞިރު ހޮސްޕިޓަލް
ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ އައިސީޔޫއަށް (އިންޓެންސިވް ކެއާ ޔުނިޓް) ބުރާސްފަތި ދުވަހުގެ ފަތިހު އިސްރާއީލުން ދިން ވައިގެ ޙަމަލާއެއްގައި، އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ ސާޖަނަކާއެކު މަދުވެގެން 6 ފަލަސްޠީނު މީހުން ޝަހީދުވެ، 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މި ޙަމަލާ އަމާޒުވެފައިވަނީ ހޮސްޕިޓަލް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ އަލްޔާސީން ޢިމާރާތުގެ ދެވަނަ ފަންގިފިލާއަށެވެ. ޣައްޒާގެ ސިވިލް ޑިފެންސާއި ހޮސްޕިޓަލުގެ އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ޙަމަލާގެ ސަބަބުން އައިސީޔޫއަށާއި ސާޖަރީ ޑިޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ބަލިމީހުންގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންވެސް ހިމެނެއެވެ.
ޣައްޒާ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްޞާލް އަދި ނާޞިރު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި މި ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އެ މެޑިކަލް ކޮމްޕްލެކްސްގައި މަސައްކަތްކުރައްވަމުން ގެންދެވި ކުޅަދާނަ ސާޖަން ޑރ. ރިޒްޤު އަބޫ ޝަޢީރާ ހިމެނިވަޑައިގަންނަވައެވެ. މުޅި ހޮސްޕިޓަލަށް ލިބުނު ބޮޑެތި ގެއްލުންތަކާއެކު، ދެކުނު ޣައްޒާގައި ޚިދުމަތް ދެމުން އަންނަ މައި އެއް މަރުކަޒުގައި ތިބި ބަލިމީހުންނާއި ސިއްޙީ މުވައްޒަފުންގެ ފުރާނަ ވަނީ އިތުރު ނުރައްކަލަކަށް ހުށަހެޅިފައެވެ.
މި ޙަމަލާ ދީފައިވަނީ 10 އޮކްޓޫބަރު 2025 ގައި ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، މުޅި ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ މެދުކެނޑުމެއްނެތް ޙަމަލާތަކުގެ ތެރެއިންނެވެ. ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދިން ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,622 ފަލަސްޠީނު މީހުން ޝަހީދުވެ، 5,878 މީހުން ވަނީ ޒަޚަމްވެފައެވެ.
ސިއްޙީ ވަސީލަތްތަކުގެ ދަތިކަމާއި، ސާމާނު ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ޣައްޒާގެ ސިއްޙީ އޮނިގަނޑު މުޅިންހެން ސުންނާފަތިވެފައިވާ މި ދަނޑިވަޅުގައިވެސް، ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަކީ ދެކުނު ޣައްޒާގެ ރައްޔިތުންނަށް ފަރުވާ ފޯރުކޮށްދިނުމުގައި ދެމިއޮތް އެންމެ މުހިންމު އެއް ހޮސްޕިޓަލެވެ.