ދުނިޔެ
ޑރ. އަބޫ ޞަފިއްޔާގެ ސިއްހީ ހާލަތާ މެދު އިސްރާއީލުން އިހުމާލުވަނީ: ޕީއެޗްއާރުއައި
ޑރ. އަބޫ ޞަފިއްޔާ
އިސްރާއީލުގެ ބަންދުގައި ޝަރީއަތަކާ ނުލައި ބަހައްޓާފައި ހުންނެވި ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ޙުސާމް އަބޫ ޞަފިއްޔާގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް އެކަށީގެންވާ ފަރުވާއެއް ނުދީ އިހުމާލުވަމުންދާ ކަމަށް ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް–އިސްރާއީލް (ޕީއެޗްއާރުއައި) އިން ބުނެފިއެވެ.
ޑރ. އަބޫ ޞަފިއްޔާ އިސްރާއީލު ސިފައިން ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އުތުރު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އަރައިގަތް ވަގުތުގައެވެ.
ޕީއެޗްއާރުއައި އިން ހޯދި މިނިވަން މެޑިކަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި، ހަތަރު މަސްދުވަހުގެ ތެރޭގައި ޑރ. އަބޫ ޞަފިއްޔާގެ ބަރުދަނުން ވަނީ 14 ކިލޯގްރާމް ލުއިވެފައެވެ. އަދި އޭނާގެ ހީމޯގްލޯބިން ލެވެލް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، މޭގައި ރިއްސާ ކަމަށް ވިދާޅުވި ވިދާޅުވުމަށް އެކަށީގެންވާ ތަހުލީލުތަކެއް ކޮށްފައި ނުވާކަން ވެސް އެ ލިޔުންތަކުން ވަނީ ހާމަވެފައެވެ. އެ ޖަމާއަތުން މި ރިޕޯޓުތައް ދިރާސާކުރުމަށް ހަވާލުކުރީ އެތެރެހަށީގެ ބަލިތަކާ ބެހޭ މިނިވަން ސްޕެޝަލިސްޓެއް ކަމަށްވާ ޕްރޮފެސަރ އަމިތު ތިރޯޝްއާއެވެ.
ޕްރޮފެސަރ ތިރޯޝްއަށް ޑރ. އަބޫ ޞަފިއްޔާ ޑޮކްޓަރަށް ދެއްކުމުގެ ހުއްދަ އިސްރާއީލުން ދީފައެއް ނުވެއެވެ. އޭނާގެ ރިޕޯޓު ބިނާކޮށްފައިވަނީ ޖުލައި 2026 އާ ހަމައަށް ލިބިފައިވާ މެޑިކަލް ލިޔުންތަކުގެ މައްޗަށެވެ. އެ ލިޔުންތަކުން ދައްކާ ގޮތުގައި 2025 ގެ ޖެނުއަރީ މަހު 90 ކިލޯގައި ހުރި ޑރ. އަބޫ ޞަފިއްޔާގެ ބަރުދަން، އެ އަހަރުގެ މެއި މަހާ ހަމައަށް އައިއިރު ވަނީ 76 ކިލޯއަށް ވެއްޓިފައެވެ. އަދި ފެބުރުއަރީ މަހު 15.1 ގައި ހުރި ހީމޯގްލޯބިން ލެވެލް ޖުލައި މަހު ވަނީ 12.5 އަށް ދަށަށް ގޮސްފައެވެ. ޖިސްމާނީ އަނިޔާ ލިބި ހޭނެތިފައިވާ ކަމުގެ މައުލޫމާތު ހުރިއިރު އިތުރު ޓެސްޓުތައް ހަދާފައި ނުވާތީ، މިއީ ސީރިއަސް މައްސަލަތަކެއް ދެނެގަތުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ތިރޯޝް ފާހަގަކުރެއްވިއެވެ.
މިދިޔަ މަހު އިސްރާއީލުގެ ހައިކޯޓުން ވަނީ ޑރ. އަބޫ ޞަފިއްޔާ ހިމެނޭހެން ޣައްޒާގެ 14 ޑޮކްޓަރަކު ދޫކޮށްލުމަށް އެދި ހުށަހެޅި ޕެޓިޝަން ބޭރުކޮށްލާފައެވެ. އެ ޑޮކްޓަރުން ބަންދުކޮށްފައި ތިބީ އެއްވެސް ޝަރީއަތަކާ ނުލައި އިސްރާއީލުގެ "އަންލޯފުލް ކޮމްބެޓެންޓްސް" ގާނޫނުގެ ދަށުންނެވެ. މީގެ އިތުރުން ލޮޑް ޑިސްޓްރިކްޓް ކޯޓުން ވަނީ މިނިވަން ޑޮކްޓަރަކު މެދުވެރިކޮށް ޑރ. އަބޫ ޞަފިއްޔާ ބެއްލެވުމަށް އެދުނު އެދުމަށް ވެސް އިންކާރުކޮށްފައެވެ. އެ ކޯޓުން ނިންމާފައިވަނީ ލޭމައްޗަށްދާ ބައްޔެއް ފިޔަވައި އެހެން ސިއްހީ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް، ޕްރޮފެސަރ ތިރޯޝް ވިދާޅުވީ ކޯޓުގެ އެ ނިންމުމަކީ މެޑިކަލް ރެކޯޑުތަކުގައިވާ މައުލޫމާތާ މުޅިން ޚިލާފު ނިންމުމެއް ކަމަށެވެ.
ޕީއެޗްއާރުއައިގެ ނާޖީ ޢައްބާސް ވިދާޅުވީ މި ނިންމުންތަކުން ދައްކުވައިދެނީ އިސްރާއީލުގެ ބަންދުގައި ތިބި ފަލަސްތީނުގެ ޑޮކްޓަރުންގެ ހައްގުތައް ފުޅާ ދާއިރާއެއްގައި ނިގުޅައިގަންނަމުންދާ ކަމެވެ. ހޮސްޕިޓަލްތަކުގެ ވެރިންނާއި މުހިންމު ދާއިރާތަކުގެ ސްޕެޝަލިސްޓުން ޝަރީއަތަކާ ނުލައި ބަންދުކޮށްފައި ތިބިއިރު، ޣައްޒާގެ ސިއްހީ ނިޒާމަށް އެ ބޭފުޅުންގެ އެހީތެރިކަން މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދު ހަނގުރާމައިގައި ޣައްޒާގެ ސިއްހީ ނިޒާމުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ. މި ހޯދުންތައް ހާމަވެފައި މިވަނީ، ދެކުނު ޣައްޒާގެ ނާޞިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަ މީހުން ޝަހީދުވެ، ސިއްހީ ޚިދުމަތްތެރިންނާއި ބަލިމީހުން ހިމެނޭހެން 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިންނެވެ.