ދުނިޔެ

ޣައްޒާގެ މުސްތަޤްބަލުގައި ޙަމާސްގެ ދައުރެއް އޮވެގެން ނުވާނެ: ޖީ7

ޣައްޒާގެ މުސްތަޤްބަލުގައި ޙަމާސްގެ ދައުރެއް އޮވެގެން ނުވާނެ: ޖީ7

ޣައްޒާގައި ހަމަލާދީ ހަލާކުކޮށްލާފައިވާ ސަރަޚައްދެއް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ނޮވެމްބަރު 2026، 01:53

12 ނޮވެމްބަރު 2026، 01:53

ޣައްޒާގެ މުސްތަޤްބަލުގައި ޙަމާސް ޖަމާޢަތުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށާއި އެ ޖަމާޢަތުގެ ހަތިޔާރުތައް ނައްތާލަންޖެހޭނެ ކަމަށް ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތައް ހިމެނޭ ޖީ7 އިން ބުނެފިއެވެ. 

ޖީ7 އިން މިފަދައިން ބުނެފައިވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވުނު ޖީ7 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

ފަރަންސޭސިވިލާތުގެ ޖީ7 ރިޔާސަތުގެ ދަށުން، ނޮވެންބަރު 9 އަދި 10 ގައި ބޭއްވުނު މި ބައްދަލުވުމުގައި ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މަތީ މަންދޫބު ބައިވެރިވެވަޑައިގެންނެވިއެވެ. 

ޖީ7ގެ ބަޔާނުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޙަމާސްއިން ދިން ޙަމަލާތައް ކުށްވެރިކޮށް، ޣައްޒާގެ ވެރިކަމުގައި ނުވަތަ މުސްތަޤްބަލުގައި އެ ޖަމާޢަތަށް ޖާގައެއް ނޯންނާނެކަން ވަނީ ތަކުރާރުކޮށްފައެވެ.

އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޤަރާރު 2803 އަވަހަށް ތަންފީޒުކުރުމަށް ބާރުއަޅަމުން، އެ ޤަރާރުގެ ދަށުން އިސްރާއީލުން ޣައްޒާގެ ސަރަޙައްދުން ފައިބަންޖެހޭނެ ކަމަށް ވެސް ވަޒީރުން ފާހަގަކުރެއްވިއެވެ. އަދި ޣައްޒާގައި ދިގު މުއްދަތުގެ ހަމަޖެހުމެއް ޤާއިމުކުރުމަށް ޓަކައި އިންސާނީ އެހީތެރިކަން އިތުރުކުރުމާއި، އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މުޅި ޣައްޒާއަށް އެއްވެސް ހުރަހެއްނެތި، ރައްކާތެރިކަމާއެކު، މެދުކެނޑުމެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި އިތުރު ބޯޑަރުތައް ހުޅުވުމަށާއި، އާންމު ޚިދުމަތްތަކާއި ގުޅުންހުރި ވަސީލަތްތައް އަލުން ބިނާކޮށް އާންމު ރައްޔިތުން ރައްކާތެރިކުރުމުގެ މުހިންމުކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މެދުއިރުމަތީގެ ދާއިމީ ޞުލްޙައާއި ހަމަޖެހުމަށް ޓަކައި، އިސްރާއީލާއި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ހައްލެއް ހޯދުމަށް 'ކޮމްޕްރިހެންސިވް ޕްލޭން' ގައިވާ ފިޔަވަޅުތަކުގައި ހުރިހާ ފަރާތްތަކުން ވެސް ބިނާކުރަނިވި ގޮތެއްގައި ދެމިތިބުމަށް ޖީ7 އިން ވަނީ ގޮވާލާފައެވެ. އަދި ހުޅަނގު އައްސޭރީގައި ނުތަނަވަސްކަމާއި ހަމަނުޖެހުން އިތުރުވާ ފަދަ ޓެރަރިސްޓް ޙަމަލާތަކާއި ހުރިހާ ބާވަތެއްގެ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450