ދުނިޔެ
ހޫޘީންގެ ހަމަލާތައް ކުށްވެރިކޮށް ޖީ7 އިން ނެރުނު ބަޔާނަށް ޔަމަނުގެ ތާއީދު
ޔަމަނުގެ މައްރިބް ކޭމްޕް. ފޮޓޯ:އޭއެފްޕީ
ޔަމަނާއި، ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ގްރޫޕް އޮފް ސެވަން (ޖީ7) އިން ނެރުނު ގުޅިފައިވާ ބަޔާނަށް ޔަމަނުގެ ސަރުކާރުން މަރުޙަބާ ކިޔައި، އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް އަނެއްކާ ވެސް ގޮވާލައިފިއެވެ.
ސަބާ ނިއުސް އޭޖެންސީން ޝާއިއުކުރި ބަޔާނެއްގައި، ޔަމަނުގެ ފޮރިން މިނިސްޓްރީން ވަނީ ޕެރިހުގައި ބޭއްވި ޖީ7 ގެ ޚާރިޖީ ވަޒީރުންނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނަށް ތައުރީފުކޮށްފައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޔަމަނުގެ ސަރުކާރާއި ސައޫދީ އަރަބިއްޔާގެ އިސްތިޤްލާލާއި ސަރަޙައްދީ ނަޒާހަތްތެރިކަން ދިފާޢުކުރުމުގެ ފުރިހަމަ ޙައްޤު އޮތްކަން ޖީ7 އިން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެއިތުރުން، ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް އީރާނަށް ޖީ7 އިން ގޮވާލި ގޮވާލުމަށް ވެސް ޔަމަނުގެ ފޮރިން މިނިސްޓްރީން ވަނީ ފުރިހަމައަށް މަރުޙަބާ ކިޔާފައެވެ.
ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވުނު ޖީ7 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ޙޫޘީން ޔަމަނާއި ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށްގެން ދެމުންގެންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި އާންމު ރައްޔިތުންނާއި މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ހިންގާ މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި، ސިޔާސީ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން އަސްކަރީ ހުރިހާ ހަރަކާތްތަކެއް ވަގުތުން ހުއްޓާލުމަށް ޙޫޘީންނަށް ވަނީ ގޮވާލާފައެވެ.
ޔަމަނުގެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން، ތަޢިޒް ސަރަހައްދުގައި އިންސާނީ އެހީ ފޯރުކޮށްދޭނެ ރައްކާތެރި މަގެއް ހުޅުވައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ޙޫޘީންގެ ބަންދުގައި އަދިވެސް ތިބި އދ. ގެ 70 މުވައްޒަފުން ހިމެނޭހެން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކެއް އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ބަޔާނުގައި ވަނީ އެދިފައެވެ.