ކުޅިވަރު

ވެލެންސިއާއިން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެފްއޭއެމް އެއްބާރުލުން ނުދޭކަމަށް ބުނެފި

ވެލެންސިއާއިން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެފްއޭއެމް އެއްބާރުލުން ނުދޭކަމަށް ބުނެފި

ކްލަބް ވެލެންސިއާއިން ބުނީ، އޭއެފްސީ މެދުވެރިކޮށް މައްސަލަކުރިޔަށް ގެންދިއުމަށް ފީފާއިން އިރުޝާދުދީފައިވާކަމަށް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 މާރިޗު 2026، 11:51

10 މާރިޗު 2026، 11:51

މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސްއިން ހާޒިރުނުވެ، އެ ޓީމުން އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅީކަމަމަށް ތުހުމަތުކޮށް ކްލަބް ވެލެންސިއާއިން ހުށަހެޅި މައްސަލައާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކަންތައްކުރި ގޮތުން ކްލަބް ވެލެންސިއާއިން އަނެއްކާ ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ލީގުގައި 5 ފެބުރުއަރީ 2026ގައި ކުޅެން ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސްއިން ހާޒިރުނުވިއިރު، ވެލެންސިއާ ވަނީ ފަހު މެޗުގައި ކްލަބް އީގަލްސް 2-0އިން ބަލިކޮށް، 12 ޕޮއިންޓު ހޯދާފައެވެ. އަދި ގްރީން ސްޓްރީޓްސްއަށް ވެސް 12 ޕޮއިންޓު ލިބިފައި އޮތްއިރު، ލީގު ތާވަލުގައި ވެލެންސިއާއަށް ވުރެ އެއް ދަރަޖަ މަތީގައި، ލީގުގެ އަށްވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 4 ގޯލުގެ ތަފާތުންނެވެ. 

އެހެންކަމުން ގްރީން ސްޓްރީޓްސްއިން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވުމުން، ލީގުގެ ޤަވާއިދުގައިވާ ގޮތުން، އެ މެޗު 2-0އިން ނިއު ރޭޑިއަންޓަށް ލިބުނެވެ. އަދި މި ނަތީޖާއާއެކު ރެލިގޭޓުވީ ވެލެންސިއާއެވެ.

އެހެންކަމުން ވެލެންސިއާއިން ވަނީ މި މައްސަލަ އެފްއޭއެމްއަށް ހުށަހަޅާފައެވެ. މި މައްސަލަ ހުށަހެޅީ ވެލެންސިއާއިން ނަމަވެސް، މައްސަލަ ބެލުމަށްފަހު، އިސްތިއުނާފު ކުރުމަށް ފުރަތަމަ ފުރުސަތު ދިނީ ގްރީން ސްޓްރީޓްސްއަށް އެކަނި ކަމުން، ވެލެންސިއާއިން އެކަމުގެ ނުރުހުން ފާޅުކުރިއެވެ. 

ވެލެންސިއާއިން މިކަން ފާހަގަކުރިތާ 4 ގަޑިއިރު ފަހުން، މައްސަލައިގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު 8 ފެބުރުއަރީ 2026ގައި ވެލެންސިއާއަށް ދިންކަމަށް އެ ކްލަބުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން އެފްއޭއެމްއިން އެންގީ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމަކާ ނުލައިކަމުން، މި ކަމުގައި ވެސް އެފްއޭއެމްގެ ނުފޫޒު އޮތްކަމަށް އެ ކްލަބުން ތުހުމަތު ކުރެއެވެ. 

އަދި 12 ފެބުރުއަރީ 2026ގައި އިސްތިއުނާފު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ވެލެންސިއާއާ ޙިއްޞާކޮށްދިނުމަށް އެ ކްލަބުން އެފްއޭއެމްގައި އެދުނުކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެއީ މެޗުގެ ރެފްރީ ރިޕޯޓާއި، މެޗު ކޮމިޝަނަރުގެ ރިޕޯޓުގެ އިތުރުން، އެޕީލް ކޯޑު ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ. އަދި އޭގެ ތެރެއިން އެޕީލް ކޯޑު ނެތް ކަމަށް އަންގާފައިވާ ކަމަށްވެސް އެ ކްލަބުން ބުންޏެވެ. 

އެގޮތަށް ވެލެންސިއާއިން އެދިފައިވާތީ، ޑިސިޕްލިނަރީ ކޯޑުގެ ދިވެހި، އިނގިރޭސި ކޮޕީއާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އެފްއޭއެމްއިން އެ ކްލަބަށް ދީފައި ވަނީ 17 ފެބްރުއަރީގައި ކަމަށް ވެލެންސިއާއިން ބުނެފައިވާއިރު، އެއީ އެފްއޭއެމްއިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވިތާ ދެ ދުވަސް ފަސް ކަމަށް، ވެލެންސިއާގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މައްސަލައިގައި އިސްތިއުނާފުކުރުމަށް އެފްއޭއެމްގައި ބަހައްޓަން ޖެހޭ 3،000 ރުފިޔާ ދައްކަންޖެހޭ ގޮތެއް ނުވަތަ ޖަމާކުރަން ޖެހޭ އެކައުންޓް ނަމްބަރު ފަދަ އެއްވެސް މަޢުލޫމާތެއް އެފްއޭއެމްއިން ނުދޭ ކަަމަށްވެސް ވެލެންސިއާއިން ފާހަގަކޮށްފައިވެއެވެ. 

ނަމަވެސް މި މައްސަލަ އޭއެފްސީ މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ފީފާއިން އިރުޝާދު ދީފައިވާކަމަށް އެ ކްލަބުން ހާމަކުރެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމުން، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ވަނީ ކްލަބް ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައި، އެންމެ އަވަހަށް އަންނަ ޓްރާންފާރ ވިންޑޯގައި އެ ޓީމަށް ކުޅުންތެރިން ގަތުމާއި ވިއްކުން އަދި އެއްވެސް ޓްރާންސްފާރއެއް ކުރިޔަށް ގެންދިއުން ހުއްޓުވުމަށް ނިންމިއެވެ.

އެފްއޭއެމްގެ މި ނިންމުމާ ގުޅިގެން ކްލަބް ވެލެންސިއާއިން އޭރު ބުނީ، މެޗެއް ނުކުޅެ ނަތީޖާ ކަނޑައެޅުމާއި މެޗު ކުޅެގެން ނަތީޖާ ކަނޑައެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށާއި، ގްރީން ސްޓްރީޓްސްއިން މެޗު ފިކްސް ކުރީކަމަށް އެފްއޭއެމްއިން ޤަބޫލުކުރާކަން އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމުން ދޭހަވާއިރު، އެ ކުށަށް ދީފައިވާ އަދަބަކީ ލުއި އަދަބެއް ކަމަށެވެ. އެގޮތުން މެޗް ފިކްސިންއަކީ ހަރުކަށި އަދަބު ދޭން ޖެހޭ ކުށެއް ނަމަވެސް، އެފްއޭއެމްއިން ދިން އަދަބު ދެކޮޅު ނުޖެހޭ ކަމަށް ވެލެންސިއާއިން ބުންޏެވެ.

މީގެއިތުރުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ޓްރާންސްފާރ ބޭންކޮށްފައި ވަނީވެސް ހަމަޖެހޭ އުސޫލަކުން ނޫންކަމަށް ވެލެންސިއާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާރ ޕީރިއަޑަކީ މެއި ނޫނީ ޖޫން މަހުގައި އަންނަ ޓްރާންސްފާރ ޕީރިއަޑަކަށްވީއިރު، އޭގެ ކުރިން ގްރީން ސްޓްރީޓްސްގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، ރަޖިސްޓްރީ ކުރަން އެ ކްލަބަށް ފުރުސަތު ލިބޭނެތީ، އެ އަދަބުން ކްލަބަށް ލިބޭނެ މާބޮޑު ގެއްލުމެއް ނޯންނާނެފަދަ ގޮތަކަށް ވެލެންސިއާއިން މި އަދަބު ސިފަކުރިއެވެ.

އަދި ޖޫރިމަނާކުރުމާއި ކުޅުންތެރިން ޓްރާންސްފާރވުން މަނާކުރުމަކީ ފުޓުބޯޅައިގެ އާންމުކޮށް ކުރާ ކުށްތަކަށް ދެމުން އަންނަ ދަރަޖައިގެ އަދަބަކަށްވީ ހިނދު، މެޗު ފިކްސިންފަދަ ކުށަކާ ގުޅިގެން އެ އަދަބު ދިނުން ބަލައިނުގަނެވޭކަމަށް ވެސް ވެލެންސިއާއިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450